އެމްޑީޕީގައި އާ ވިސްނުމެއް ނެތް، ކެމްޕޭން ޖަލްސާއެއް ވެސް ނުބޭއްވޭ

އިދިކޮޅު އެމްޑީޕީގައި އާ ވިސްނުމެއް ނެތް ކަމަށާއި އެ ޕާޓީގެ ޖަގަހައެއްގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ޖަލްސާއެއް ވެސް ނުބޭއްވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ސޮވަރިން ފަންޑުގައި ހުރި 200 މިލިއަން ޑޮލަރު 2 މިލިއަން ޑޮލަރަށް މަދުކޮށްލި ކަމަށާއި އަދި 15 ދުވަހުގެ ކާބޯތަކެތި ގަނެވޭ ވަރަށް ދައުލަތުގެ ރިޒާވު ކުޑަކޮށްލި ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި މަސައްކަތުން ރިޒާވްގެ ހުރި ފައިސާގެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"އަނެއްކާވެސް މި މީހުން އައިސް ހަމަ އެއްކަލަ، ކުރިން ކަން ކުރި ގޮތަށް ނޫންތޯ ކުރާނީ؟" ސައީދު ވިދާޅުވި އެވެ.
"އާ ވިސްނުމެއް ނެތޭ. މިހާ ހިސާބަށް ކެމްޕޭން ދިޔައިރު ޖަގަހައެއްގައި ކެމްޕޭން ޖަލްސާއެއް ބޭއްވުނީއެއް ނޫން. އާ ގޮތެއް ކިޔާދެވުނީއެއް ނޫން."
ސައީދު ވިދާޅުވި ގޮތުގައި، އެމްޑީޕީން އުޅެނީ ހަތަރު، ފަސް ބަޔަކަށް ބެހިގެން ރިޔާސީ ކެންޑިޑޭޓަކަށް ނެރޭނެ ބޭފުޅެއްގެ ވާހަކައިގައި ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދިނަސް، އެ ޕާޓީން އުޅޭނީ އެ މަސައްކަތުގައި ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ