ޖޮކޮވިޗް ހިތްވަރު ހޯދަނީ ރޮނާލްޑޯ، ލެބްރަން އަދި ބްރެޑީގެ ފަރާތުން ޖޮކޮވިޗް ހިތްވަރު ހޯދަނީ ރޮނާލްޑޯ، ލެބްރަން އަދި ބްރެޑީގެ ފަރާތުން

ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޫބަރު 17) - އުމުރުން 40 އަަހަރުން މައްޗަށް ދިޔަސް އެންމެ ފަންތީގައި ޕްރޮފެޝަނަލް ކެރިއަރު ކުރިއަށްގެންދަން މަޝްހޫރު ޓެނިސް ތަރި، ނޮވަކް ޖޮކޮވިޗަށް ހިތްވަރު ލިބެނީ، ފުޓްބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސްކެޓް ލެޖެންޑް، ލެބްރަން ޖޭމްސް އަދި އެމެރިކަން ފުޓްބޯޅަ ތަރި ޓޮމް ބްރެޑީ ފަރާތުން ކަމަށް ބުނެފި އެވެ.
އުމުރުން 38 އަހަރުގެ ޖޮކޮވިޗް އަކީ ޓެނިހުގެ ބޮޑެތި މުބާރާތްތައް ކަމަށްވާ ގްރޭންޑް ސްލޭމް އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް ހަދާފައިވާ ފިިރިހެން ކުޅުންތެރިޔާ އެވެ. އޮސްޓްރޭލިއާގެ ލެޖެންޑް، މަގަރެޓް ކޯޓުގެ ގްރޭންޑް ސްލޭމް ރެކޯޑް މުގުރާލަން ޖޮކޮވިޗަށް ބޭނުންވަނީ އެންމެ ގްރޭންޑް ސްލޭމް ތަށްޓެކެވެ.
އިތުރު ގްރޭންޑް ސްލޭމް ހޯދުމަށް ކުރާ މަސައްކަތުގައި ޖޮކޮވިޗް ވަނީ މި އަހަރުގެ ހަތަރު ގްރޭންޑް ސްލޭމްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެންމެ ފަހުން ޖޮކޮވިޗް، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ހޯދީ މީގެ ދެ އަހަރު ކުރިންނެވެ. އެއީ، ޖޮކޮވިޗްގެ އުމުރުން 36 އަހަރުގަ އެވެ. އެ އުމުރަކީ، މިހާރު ރިޓަޔާކޮށްފައިވާ ޓެނިސް ތަރިން ކަމަށްވާ ރަފައެލް ނަޑާލް އާއި ރޮޖާ ފެޑެރާ ވެސް އެންމެ ފަހު ގްރޭންޑް ސްލޭމް ކާމިޔާބުކުރި އުމުރެވެ.
ކެރިއަރާ ބެހޭގޮތުން، ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ، ކުރިއަށް އޮތް އަހަރުތަކަކީ ޓެނިހުގެ ދެން އޮތް ޖީލުގެ މުސްތަގުބަލުގެ ކަންކަމަށް އެ ކުޅިވަރަށް ބަދަލުތަކެއް އަންނާނެ ދުވަސްތަކެއް ކަމަށާއި އެކަމުގައި އޭނާގެ ބައިވެރިވުން ބޭއްވުމަށް ކެރިއަރު ކުރިއަށްގެންދަން ބޭނުންވާ ކަމަށެވެ.
"އަހަރެން ބޭނުން އަހަންނަށް ދެވެނީ ކިހާ ދުރަކަށްތޯ ބަލަން. އަހަރެމެން ވަށައިގެން އެހެން ކުޅިވަރުތަކުގެ ކަންކަމަށް ބަލާއިރު، ލެބްރަން ޖޭމްސް އެ ފެންނަނީ ވަރުގަދަކޮށް، އޭނަ އަށް 40 އަހަރު ވެއްޖެ، ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އެ ގޮތަށް، ދެން، ޓޮމް ބްރެޑީ ވެސް ކެރިއަރު ކުރިއަށްގެންދިޔަ 40 އަހަރުން މަތީގައި ވެސް. އެއީ އާދަޔާހިލާފު ކަންކަން، އަހަރެންގެ އުންމީދުތައް އާ ވަނީ އެ މީހުންނަށް ބަލައިގެން،" 2003 ވަނަ އަހަރު ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ފެށި ޖޮކޮވިޗް، ކެރިއަރު ކުރިއަށް ގެންދިއުމުގެ ވާހަކަތައް ހިއްސާކުރަމުން ބުންޏެވެ.
ސައުދީ އަރަބިއްޔާގެ ސިކްސް ކިންގްސް ސްލޭމްގައި މި ވަގުތު ކުޅެމުން އަންނަ ޖޮކޮވިޗް ވަނީ، ސެމީ ފައިނަލުގައި ޖަނިކް ސިނާ އަތުން ބަލިވެފަ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ކުޅުންތެރިއަކަށް ހަ މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދޭން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ