ރާއްޖެއަަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގަނެ ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ހިފަހައްޓާފައި ހުރި ސިނގިރޭޓް ކޮންޓޭނަރުތަކެއް ވަގަށް ނެގި މައްސަލައިގައި ބާއްވަން އުޅުނު ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި 241 ކޮމިޓީގެ ބައްދަލުވުން ބާއްވަން ތާވަލްކޮށްފައި އޮތީ އަންނަ އާދިއްތަ ދުވަހަށެވެ. އެ ބައްދަލުވުމުގައި އޮތީ:
އެފަދަ ބޮޑު ވައްކަމެއް ވިޔަފާރި ބަނދަރުގެ ތެރޭން ހިނގުމަކީ ގައުމީ ސަލާމަތާ ގުޅޭ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހިމެނޭ ކަމަކަށް ވާތީ އެކަން ބެލުން
އެހެންވެ، ކަސްޓަމްސް އާއި އެމްޕީއެލުގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރަން ވަނީ ނިންމާފައި
އެހެން ނަމަވެސް މަޖިލީހުގެ އިދާރާއިން މިއަދު މީޑިއާތަކަށް ބުނެފައި ވަނީ އާދިއްތަ ދުވަހުގެ 241 ކޮމިޓީގެ ބައްދަލުވުން މިހާރު ކެންސަލްކޮށް ހަފްތާއަކަށް އެ ބައްދަލުވުން ފަސްކުރަން ނިންމާފައިވާ ކަމަށެވެ.
ތަފްސީލް - އެގޮތަށް ނިންމީ މަޖިލީހުގެ އިދާރާއިން ބުނީ ފުލުހުންނާއި އިދާރާތައް ގުޅިގެން މިހާރު ކުރިއަށް ގެންދާ އެ ވައްކަމާ ގުޅޭ ތަހުގީގަށް ކޮމިޓީގެ ބައްދަލުވުމުގެ ސަބަބުން ހުރަސް އެޅިދާނެތީ އެވެ.
އެނގުން މުހިންމު - ހުޅުމާލޭ ވިޔަފާރި ބަނދަރުގެ ތެރޭ ދެ ކޮންޓެއިނަރެއް ތެރޭ ހުރި 13.6 މިލިއަން ސިނގިރޭޓް ގެއްލުނު މައްސަލަ ފެންމަތިވީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އެކަމާ ގުޅިގެން ފުލުހުން ފެށި ތަހުގީގުގައި ހަތަރު މީހަކު ހައްޔަރުކޮށް 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ. ހައްޔަރުކުރި މީހުންނަކީ:
ވިޔަފާރިވެރިޔާ އަހުމަދު އާރިފް (ލޮޓަސް އާއްޓޭ)
އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
ކަސްޓަމްސްގެ ކުރީގެ ސީނިއާ އޮފިސަރު މުއާޒު އަލީ
ހުޅުމާލޭ ޕޯޓްގެ ކަސްޓަމްސްގެ ސީނިއާ އޮފިސަރު، ޒިވާރު އިސްމާއީލް، ހދ. ވައިކަރަދޫ
މީގެ އިތުރަށް އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވެ އެވެ. އެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން އިއްޔެގެ ވަގުތެއްގައި ވަނީ މާލެ ގެނެސް ބައެއް ތަންތަން ބަލައި ފާސްކޮށްފަ އެވެ.
ސިނގިރޭޓް ވައްކަމާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ