ކުންފުނީގެ ދަރަނި ބޮޑުވީ މާކެޓް ރޭޓަށްވުރެ އަގުބޮޑުކޮށް ޕްރޮޖެކްޓްތައް ހިންގުމުން: މުއާޒު

ފެނަކަ ކޯޕަރޭޝަން ދަރަނިވެރިވެފައި ވަނީ ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމުގައި މާކެޓް ރޭޓަށްވުރެ އަގުބޮޑުކޮށް ޕްރޮޖެކްޓްތައް ހިންގުމުންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު ވިދާޅުވީ، ޢުމްރާނީ ޕްރޮޖެކްޓްތައް ހިންގުމަށް ކޮންޓްރެކްޓަށް 2000އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން ކުންފުންޏަށް ނަގާފައި ތިބިއިރު، ކުންފުނިން ހިންގަމުންދިޔަ 61 މަޝްރޫޢުގެ މަސައްކަތް އޮތީ ހުއްޓިފައިކަމަށެވެ.
ސަރުކާރު ބަދަލުވުމުގެ މަރުޚަލާފައި ހާމަކުރި މަޢުލޫމާތަށް ބަލާއިރު ފެނަކަ ކުންފުނި އޮތީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏެއްގައެވެ. މީއީ އެންމެ ޙާލަތު ދަށްކޮށް އޮތް ސަރުކާރުގެ ކުންފުންޏެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރ މުއާޒު ވިދާޅުވީ ފަށާފައިވާ ޕްރޮޖެކްޓްތައްވެސް ނުނިމި ދިގުލައިގެންގޮސް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ މި 61 މަޝްރޫޢުއަށްވެސް ޚަރަދުކޮށްފައިވާކަމަށެވެ. ނަމަވެސް އެވްރެޖުކޮށް ނިމިފައިވަނީ ޕްރޮޖެކްޓްތަކުގެ %45 ކަމަށެވެ. މުއާޒު ވިދާޅުވީ މާކެޓް ރޭޓުތަކަށްވުރެ އިތުރަށް އެތައް ރުފިޔާއެއް ޕްރޮޖެކްޓްތަކަށް ޚަރަދުކޮށްވެސް، މަސައްކަތްތައް ނުނިންމާ އޮތުމަކީ ކުންފުނި މިހާބޮޑަށް ދަރަނިވެރިވި ސަބަބުކަމަށެވެ.
ބައެއް ޕްރޮޖެކްޓްތަކުން މިސާލު ނަންގަވަމުން މުއާޒު ވިދާޅުވީ ކުޅުދުއްފުށީގައި އަޅަންފަށާފައިވާ އިންޖީނުގެއަށް 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު ނިމިފައިވަނީ %45 ކަމަށެވެ. ނަމަވެސް މާކެޓް ރޭޓަށް ބަލާނަމަ، މި ޕްރޮޖެކްޓް ނިންމުމަށް ޚަރަދުކުރަންޖެހެނީ އެންމެ 35 މިލިއަން ރުފިޔާކަމަށް އޭނާ ވިދާޅުވިއެވެ.
ދިއްދޫގެ އިންޖީނުގެވެސް މާކެޓް ރޭޓުން ބަލާއިރު 23 މިލިއަން ރުފިޔާއަށް ނިންމާލެވެން އޮތް ނަމަވެސް، މިހާތަނަށް އެ ޕްރޮޖެކްޓަށް 45 މިލިއަން ރުފިޔާ ޚަރަދުކޮށްފައި އޮތްކަމަށާއި ނަމަވެސް ނިމިފައިވަނީ ޕްރޮޖެކްޓްގެ %60 ކަމަށް މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ ޕްރޮޖެކްޓްތަކުގެ އިސްރާފު ވަރަށް ބޮޑުކަމަށާއި ސަޕްލަޔަރުން ނަގާފައިވާ ތަކެއްޗަށްވެސް ފައިސާ ދައްކާފައި ނުވާތީ އެކަމުގެ ބޮޑެތި ޝަކުވާތައްވެސް ލިބެމުންދާކަމަށެވެ. ޚަރަދުތައް ބޮޑުވެގެންދިޔަ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފެނަކައިން ބުނަނީ، އެއްވެސް އެސްޓިމޭޓެއް ހެދުމެއް ނެތި ޕްރޮޖެކްޓްތައް ފަށާފައިވުމެވެ.
މައްސަލަތައް އިސްލާހުކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެނަކައިން ވަނީ ފަށާފައެވެ. އެގޮތުން ޕްރޮޖެކްޓްތަކުގެ އެސްޓިމޭޓްތައް ހަދާ، ނިމެން ކައިރިވެ ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ވަނީ ފަށާފައެވެ. މިގޮތަށް ހުރި 14 މަޝްރޫޢުއެއްގެ މަސައްކަތް މިހާތަނަށް ވަނީ ފަށާފައެވެ. އަދި އެންމެ ބޮޑު އަމާޒަކީ ޚަރަދަށް ބަލައިގެން އަވަހަށް ޕްރޮޖެކްޓްތައް ނިންމާ ޚިދުމަތް ފެށުންކަމަށް ކުންފުނިން ބުނެއެވެ.
ކުންފުނި ހަރުދަނާކުރުމުގެ މަސައްކަތަކުގެ ތެރެއިން، ކުންފުނިން އަމިއްލައަށް ލޮޖިސްޓިކް މަސައްކަތްތައް ކުރެވޭނެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ފެނަކައިން ބުނެފައިވަނީ ލޮޖިސްޓިކްގެ މަސައްކަތްތަކަށް ކޮންމެ އަހަރަކު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާކަމަށެވެ. މީގެއިތުރުން އައުޓްސޯސްކުރުމުގެ ބަދަލުގައި ކުންފުނީގައި ފަންނީ މީހުންގެ ޤާބިލުކަން އިތުރުކުރުމާއި އިދާރީގޮތުން ޚަރަދުކުޑަކުރުމަށް ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ