ރައީސް ނަޝީދަށް ދިން ހަމަލާއަށް އިންސާފު ނުލިބި 3 އަހަރު ފުރުން ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވަނިކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދިން  ހަމަލާއަށް އިންސާފު ނުލިބި 3 އަހަރު ފުރިފައިވާތީ އެކަން ދަ ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށްފަހު އިންސާފު ގާއިމު ނުކުރެވި 3 އަހަރު ފުރުން ކުށްވެރިކޮށް ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި، އެ މައްސަލައިގައި މިއަދާ ހަމައަށް އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާތީ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޑިމޮކްރެޓްސް އިން ބުނީ ބޮމުގެ އެ ހަމަލާގައި ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްވި ނަމަވެސް، ރޭޒާފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ އެތަން މިތަނަށް އަރައި ޒަހަމްކޮށްލާފައިވުމުން ކްރިޓިކަލް ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ކުރައްވަންޖެހިވަޑައިގެން ކަމަށެވެ. 
ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން މިވަރުގެ ނުރައްކާތެރި ހަމަލާއެއް ދިނުމަށް ފުރުސަތުލިބިދީފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކުރަމުން ޑިމޮކްރެޓްސް އިން ބުނީ، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް 3 ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނިކޮށް އެއާވިދިގެން ވެސް އެމަނިކުފާނަށް ގާނޫނުއަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތްއޮތުންވެސް ކުށްވެރިކުރާކަމަށެވެ.
ޑިމޮކްރެޓްސް އިން ބުނީ އެ ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތްފިޔަވައި، އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވުމާއިއެކު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުވެފައިނުވާއިރު، އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށެވެ.
އެހެންކަމުން ދަ ޑިމޮކްރެޓްސްއިން ވަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން އެ ހަމަލާ ދީފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ