އެފްޑީސީން "ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ ދުވަސް" ފާހަގަކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކޮށްފިއެވެ.
މިއަހަރުގެ ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ "މޫސުމީ ގޮންޖެހުންތަކާއެކުވެސް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުން" އެވެ.
އެފްޑީސީން ބޭއްވި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ހެލްތް މެނޭޖްމަންޓް މުޙައްމަދު އަބްދުﷲއެވެ.
މި ހަރަކާތުގައި އެމްއޭސީއެލް، އެޗްޑީސީ، އެމްއެންޑީއެފް ފަދަ، ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްތައް ކުރާ އިދާރާތަކުން ބައިވެރިވިއެވެ.
މި ހަރަކާތުގައި ވަނީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެފްޑީސީއިން ޢަމަލުކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބައިވެރިންނާ ހިއްސާކޮށްފައެވެ. އެފްޑީސީގެ ޕްރޮޖެކްސް އަދި ޕްލޭނިން ޑިޕާޓްމަންޓުން، އެފްޑީސީ ފެސިލިޓީތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުން ޢަމަލުކުރަމުންދާ އުސޫލުތަކާއި ޤަވާއިދުތައްވަނީ ހިއްސާކޮށްފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ، ހަމްދާން ޝަކީލް ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް މުހިއްމު އިސްކަމެއް އެ ކުންފުނިން ދޭކަމަށެވެ. އެހެންކަމުން އިމާރާތްކުރުމުގެ މަސައްކަތްތައް ޒިންމާދާރުކަމާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާގޮތުންގެ މަތިން ކުރިއަށް ގެންދިއުމަށްޓަކައި ހަރުދަނާ ނިޒާމުތަކާއި، އިޖުރާއަތްތައް އެފްޑީސީން ތަންފީޒުކުރަމުންދާކަމަށް ވިދާޅުވިއެވެ.
"މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް، ޤަވައިދާ އެއްގޮތުގެ މަތިން އަޅަމުންދޭތޯ ކަށަވަރުކުރުމުގެ ޚާއްސަ ޓީމެއް އަންނަނީ މަސައްކަތް ކުރަމުން. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން ތަރައްގީކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓްގެ މަސައްކަތަށް "15 މިލިއަން ސޭފް މޭން-އަވަރޒް" ހާސިލްކުރެވިފައިވުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ފާހަގަކުރިއެވެ.
ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަކީ ކޮންޓްރެކްޓަރުންނާއި، އެފްޑީސީގެ މުވައްޒަފުންގެ ހިތްވަރާއި ސާބިތުކަން ދައްކުވައިދޭ ކާމިޔާބީއެއް ކަން ވެސް ހަމްދާން ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ޝިއާރާ ގުޅޭގޮތުން ހަމްދާން ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށްޓަކައި މަސައްކަތުގެ މާހައުލު ބައްޓަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އެގޮތުން، މަސައްކަތްތެރިންގެ ރައްކާތެރިކަމަށް އިސްކަންދީ، ރައްކާތެރި އަދި ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ކަށަވަރުކުރުމަށް އެފްޑީސީއިންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
އެފްޑީސީގެ ބެލުމުގެދަށުން ބޮޑެތި ހައުސިން މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ގިނަ އަދަދެއްގެ ލޭބަރުން މަސައްކަތްކުރަމުން އާދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ