މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ޕެރިސް ކޮންފަރެންސްގައި އެއްބަސްވެވޭ ކަންކަން ތަންފީޒު ކުރުމަކީ ގައުމުތަކަށް އެގައުމުތަކުގެ ގާނޫނުތަކުން ލާޒިމުކުރާ ކަންކަމަށް ހެދުމަށް ގާނޫނު ހަދާ ފަރާތްތަކަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ގޮވާލައްވައިފި އެެެވެ.
މައުމޫނު މިހެން ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ދަ އެނާޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް (ޓެރީ) އިން އިންތިޒާމުކޮށްގެން ދިއްލީގައި މިމަހުގެ ފަހަކުން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ 15 ވަނަ ދިއްލީ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓްގައި "ޓެކްލިން ކްލައިމެޓް ޗޭންޖް ބައި ލެޖިސްލޭޓާސް: ދަ ރޯޑް ޓު ޕެރިސް 2015" މި މައުލޫއުގެ ދަށުން ކުރިއަށް ގެންދިޔަ ހާއްސަ ސެޝަންގައި ޕެނަލިސްޓެއްގެ ގޮތުން އިއްޔެ ވާހަކަދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޕެރިހުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވާ ކަންކަމަކީ ރަނަގަޅު އަދި މުހިއްމު ކަންކަމަށް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ޕެރިސް ކޮންފަރެންސްގައި ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގެ ގޮތުން ގައުމުތަކުގެ ދައުރު ފުރިހަމައަށް އަދާކޮށްދެއްވުމަށްވެސް މައުމޫން ވަނީ ގޮވާލައްވާފަ އެެވެ. އަދި އެކަމަށް ގޮވާލެއްވީ މީގެކުރިންވެސް އެގޮތަށް ފާސްކުރެވިފައިވާ ކޮންވެންޝަންތަކާއި ތިމާވެށީގެ ބޮޑެތި ބައްދަލުވުންތަކުގައި ނިންމާފައިވާ ނިންމުންތަކާއި، ގައުމުތަކުން ވައުދުވެފައިވާ ވައުދުވުންތަކަށް އަމަލުކުރުމުގައި އެގައުމުތަކުން އެދެވިގެންވާ މިންވަރެއްގައި ފުރިހަމައަށް އަމަލުކޮށްފައިވާތަން ފެނިވަޑައިގެންފައި ނުވާތީ ކަމުގައިވެސް މައުމޫން ވަނީ ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ދުނިޔެ ހޫނުވުމުގެ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި މެދު ދުނިޔޭގެ ސަމާލުކަން ހޯދުމަށް އެންމެ ފުރަތަމަ އަޑުއުފުލި އެއް ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުމުގެ އެންމެ ބޮޑު އަސަރެއްކުރާނީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ކުދި ޖަޒީރާ ގައުމުތަކަށް ކަމަށެވެ.
ދެހާސްހަތަރު ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ ކާރިސާއަށް އިޝާރަތްކުރައްވާ މައުމޫން ވިދާޅުވީ އެފަދަ ކާރިސާތަކުން ސަލަމާތްވުމަށްޓަކައި ކަނޑު ތޮށި އުސްކޮށް ވަރުގަދަކުރުމާއި، ރާޅު އެރުން ހުއްޓުވުމުގެ ގޮތުން ބިން އުސްކުރުން ފަދަ ކަންކަމަކީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ހަރަދުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބެލިނަމަވެސް ކުރެވޭ ވަރުގެ މަސައްކަތްތަކެއް ނޫން ކަމަށެވެ.
ޕެރިސް ބައްދަލުވުމުގެ ނިންމުންތައް ތަންފީޒުކުރުން ގާނޫނުތަކުން ލާޒިމްކުރަން މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ