ދިއްގަރު ދާއިރާގެ އިންތިހާބުގައި ވާދަނުކުރެއްވުމަށް އަލީ ޒާހިރު ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަނުކުރެއްވުމަށް އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު ނިންމަވައިފި އެވެ.
އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިއްގަރު ދާއިރާއަށް ވާދަނުކުރެއްވުމަށް އޭނާ މިހާރު ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމެވި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.
"ހެޔޮއެދޭ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން،" އަލީ ޒާހިރު ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އިއުލާންކުރުމާއިއެކު މީގެ ކުރިން އަލީ ޒާހިރު ވަނީ އެ ގޮނޑިއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެެވެ.
އޭގެ ފަހުން އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީއާ އަދާލަތު ޕާޓީން ބުނެފައިވަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގައި ނިންމި ގޮތެއް އަދިވެސް އެމްޑީޕީއާ އަދާލަތު ޕާޓީން ބުނެފައެއް ނުވެ އެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ރައްޔިތުން ވޯޓް ނިކުތުމުގެ ކުރިން އިދިކޮޅު ޕާޓީ ތަކުގެ ކެންޑިޑޭޓް ސާފުވާނެ ކަމަށެވެ.
އެމްޑީޕީން މިހާރު ވަނީ މި އިންތިހާބުގައި ވާދަކުރުމަށް އެޕާޓީގެ ޓިކެޓް މ. މަޑުއްވަރީ، ކާނިގޭ، އަހްމަދު ރާޒީއަށް ދެއްވާފަ އެވެ. އަދި އޭނާ ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފަ އެވެ.
ރާޒީގެ އިތުރުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް މިހާތަނަށް ފޯމް ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫނާއި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބް ރައީސް އަދި މ. އަތޮޅު ކައުންސިލްގެ މެންބަރު މޫސާ ނަސީރު އަހްމަދު އެވެ. ޕީޕީއެމަށް ނިސްބަތްވާ ނަސީރު އިންތިހާބަށް ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ މައްސަލަ ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމުންނެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަަމަޖައްސާފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ ހަވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ