ޓޫރިޒަމް މިނިސްޓަރުގެ ފާޑުކިޔުންތައް މެމްބަރު އާދަމް ޝަރީފަށް!

ހޯމްސްޓޭ ފަތުރުވެރިކަމާ ގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ދެއްކެވި ވާހަކަތަކަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ފާޑުވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފާޑުވިދާޅުވީ ހަރުދަނާ ފިޔަވަޅުތަކެއް ދުރާލާ ނާޅައިފިނަމަ ހޯމްސްޓޭ އިން ރާއްޖޭގެ އިޖްތިމާޢީ ފޭރާން އިތުރަށް ހަލާކުވުމުގެ ފުރުސަތު ބޮޑުކަމަށް މެމްބަރު އާދަމް ޝަރީފް ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމަށް ރައްދުދެއްވާ މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުދިކުދިހޮޓެލް ހިންގުމާ ހޯމްސްޓޭ އާ ދާދި އެއްވައްތަރު ކަމަށާއި ޒިންމާދާރުކަމާއެކީ ރަށްރަށުގަ އެކަންކުރާތާ 10 އަހަރުވެއްޖެ ކަމަށެވެ.
އަދި އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމަށާއި ރައްޔިތުން ފޯރުންތެރިވީމަ ވޯޓަށް ނުފޫޒު ފޯރުވަންދަތިވާނެތީ ސިޔާސީ މަވެތިން ބޯދާވިސްނުން ގެންގުޅުމަކީ ވެދާނެކަމެއް ކަމަށްވެސް ޑރ. މައުސޫމް ވިދާޅުވިއެވެ.
ހޯމްސްޓޭ ފަތުރުވެރިކަމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން ފެންމަތިވެގެން އައީ މާފުށީގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބައެއް ބިންތަކުގައި އެހެނިހެން ޣައިރު ދީންތަކުގެ ދުވަސްތައް ފާހަގަކުރަމުން އަންނާތީ، ބިން ދޫކުރި އެއްބަސްވުން ބާތިލް ކުރާނެ ކަމުގެ އިންޒާރު އެ ރަށު ކައުންސިލުން ދިނުމުންނެވެ.
މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ހުސްބިންތައް ބޭނުން ކުރުމުގެ އެއްބަސްވުމުގައި ޣައިރު ގާނޫނީ އެއްވެސް މަސައްކަތެއް ނުވަތަ އެކަށީގެންނުވާ، ބޭއަދަބީ އެއްވެސް ބޭނުމަކަށް ބިން ބޭނުންކޮށްގެން ނުވާނެ ކަމަށާއި އެފަދަކަމެއް ބިމުގައި ހިންގުމަށް އެހެން ފަރާތަކަށް ހުއްދަ ދީގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ