ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް މިނިމަމް ވޭޖް ދެނީ އެލެވެންސްތައް ކަނޑާފައި

އައްޑޫ ސިޓީ ހިތަދޫ ޕޯޓްސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިނިމަމް ވޭޖް ދެނީ ކުރިން އެ މީހުންނަށް ދެމުންދިޔަ އެލެވެންސްތަކެއް ކަނޑާފައިކަން ހާމަވެއްޖެއެވެ. ހިތަދޫ ޕޯޓުސް ލިމިޓެޑްގެ ޗީފް މެނޭޖަރު އިބްރާހިމް ރަޝީދު ސޮއިކުރައްވައި އެ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ފޮނުވި މެމޯގައި ވަނީ ކުރިން މުވައްޒަފުންނަށް ދެމުންދިޔަ ރިސްކު އެލެވެންސާއި، ރިސްކް އެންޑް ހާޑްޝިޕް އެލެވެންސް ކަނޑާލާފައިވާކަމަށެވެ. މި އެލެވެންސްތައް ކަނޑާލުމަށްފަހު މިނިމަމް ވޭޖްގެ ގޮތުގައި ހުރިހާ މުވައްޒަފުންނަށް 3،900 ރުފިޔާގެ އެލަވެންސެއް ދޭނެކަމަށް ވެސް އެ މެމޯގައިވެއެވެ. ހިތަދޫ ޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އަށް ބުނެފައިވަނީ މިނިމަމް ވޭޖުގެ ސަބަބުން މުވައްޒަފުންނަށް އެއްވެސް ފައިދާއެއް ނުވާކަމަށެވެ. އޭނާ ބުނީ ކުރިންވެސް ކަނޑާލި ދެ އެލެވެންސްގެ ގޮތުގައި 3،900 ރުފިޔާ ލިބޭކަމަށެވެ. އަދި މިނިމަމް ވޭޖްގެ ގޮތުގައި ވެސް ދޭން ނިންމީ ހަމަ އެވަރުކަމަށް އޭނާ ބުންޏެވެ. "ކުރިން ކެއުމާއި ހުރުން ވެސް އިނދޭ އެލެވެންސްގެ ތެރޭގައި. އެ ހުރިހާ އެލެވެންސެއް ލައިގެން ހިތަދޫ ޕޯޓްސް އިން ވަނީ 3،900އަށް ފިކްސް ކޮށްފަ. މިނިމަމް ވޭޖްގެ ގޮތުގައި ވެސް ދޭން ނިންމީ ހަމަ އެވަރު،" ހިތަދޫ ޕޯޓްސްގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ. އޭނާ ބުނީ މިނިމަމް ވޭޖް ދިނުމަށް ހިތަދޫ ޕޯޓްސް ލިމިޓެޑަކީ މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައިކަމަށެވެ. އެހެންނަމަވެސް ހަގީގަތުގައި އެ ކުންފުންޏަކީ މެދު ފަންތީގެ ވިޔަފާރިއެއްކަމަށް ގަބޫލުކުރާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އެ މުވައްޒަފު ބުންޏެވެ. "ތިބޭފުޅުން ތިއީ ނޫސްވެރިން. ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ހިތަދޫ ޕޯޓްސް ލިމިޓެޑަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެއްކަން. މިއީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވާއިރު، މި ކުންފުންޏަކީ މެދު ފަންތީގެ ވިޔަފާރިއަކަށް ވަނީ ކޮން ހަމަޔަކުންތޯ،" އޭނާ ބުންޏެވެ. މިނިމަމް ވޭޖަށް މަކަރު ހަދާފައިވާތީ އެ ކުންފުނީގައި މަސައްކަތްކުރާ 80އަށް ވުރެ ގިނަ މުވައްޒަފުން ކަންބޮޑުވުންފާޅުކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން އެކަން އިއުލާންކުރުމަށް ފޮނުވި މެމޯ ވެސް ފޮނުވާފައިވަނީ ވަކި ބަޔަކަށް ކަމަށާއި، އެމެމޯ ސޯޝަލް މީޑިއާއަށް ލީކުވި މައްސަލަ އެ ކުންފުނިން ބަލަމުންދާކަމަށް ވެސް އޭނާ ބުންޏެވެ. "ކުންފުނީގެ ވައިބާ ގްރޫޕްގައި ބުނެފައި ވަނީ އެ މެމޯ ދީފައި ވަނީ މަދު ބަޔަކަށް ކަމަށް. އެއީ މިކަން ފަޅާއަރާފާނެތީ. އެކަމަކު އެ މެމޯ ސޯޝަލް މީޑިއާގައި އާންމުވުމުން އެ ގްރޫޕްގައި ވަނީ މެމޯ ލީކްކޮށްލި މުވައްޒަފުންނާ މެދު ފިޔަަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި،" އެ މުވައްޒަފު ކިޔައިދިނެވެ. މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދޭންފެށި މިނިމަމް ވޭޖަކީ މުވައްޒަފަކަށް މަދުވެގެން ލިބޭނެ އަސާސީ މުސާރައެވެ. މިނިމަމް ވޭޖު ދިނުމަކީ މި ސަރުކާރުން ވެރިކަމަށް އައުމަށް ކެމްޕޭންގައި އެންމެ ގިނައިން ދެއްކި އެއްވާހަކައެވެ. މިނިމަމް ވޭޖު އިއުލާން ކުރިއިރު ކަނޑައަޅައިފައިވަނީ ހަތަރު ދާއިރާއަކަށެވެ. - ކުދި ވިޔަފާރިތަކަށް، މަހަކު 4,500 ރުފިޔާ - މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7,000 ރުފިޔާ - ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8,000 ރުފިޔާ - ސިވިލް ސާވިސް (ޕަބްލިކް ސެކްޓަރ)، މަހަކު 7,000 ރުފިޔާ މިނިމަމް ވޭޖް ތަންފީޒުވުމުން އޭގެ ހެޔޮ ބަދަލު ވަޒީފާ އަދާކުރާ ފަރާތްތަކަށް ފެންނާނެ ކަމަށް ޖުމްހޫރީ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ