ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާގައި ގާސިމް އިބްރާހީމް ތަހުނިޔާ ފޮނުއްވައިފި

ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
ގާސިމް އިބްރާހީމް ގެ ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ކީރިތި ރަސޫލާގެ އިދުމީލާދުގެ ޒިކްރާ އާ ކުރާ ދުވަސްކަމަށް ވުމާއެކު، ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި އެންމެހާ އުހްތުންނާ އަހުންނަށް ތަހުނިޔާއާ ހެޔޮ ދުއާ އަރިސްކުރާ ކަމަށާއި އަދި މި ދިވެހި ވަތަން އިސްލާމްދީން މަތީ އަބަދުމެ ލެހެއްޓެވުން އެދި ދުއާކުރާ ކަމަށެވެ.
ގާސިމް އިބްރާހީމްގެ ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ ކީރިތި ރަސޫލުﷲ ސައްލަﷲއަލައިހި ވަސައްލަމް އަކީ މުޅި އިންސާނިއްޔަތު ދުށް އެންމެ މާތް ޝަހްސިއްޔަތު ކަމަށާއި ދީނީގޮތުންނާއި ސިޔާސީގޮތުން ބެލިޔަސް، ދުނިޔަވީ ހަމަތަކާ ދިރިއުޅުމުގެ މުއާމަލާތުގެ ނަޒަރިއްޔާތުން ބެލިޔަސް އިތުރު އެކަލޭގެފާނަކީ ދުނިޔޭގެ ތާރީހުގައި ފާހަގަކުރެވޭނެ އެންމެ ކާމިޔާބު އިންސާނާ ކަމަށެވެ. އަދި އެކަމަކީ އިންސާފުވެރިކަމާއެކު ވިސްނައި ދިރާސާކުރާ ކޮންމެ އިންސާނަކުވެސް ގަބޫލުކޮށް ހެކިވާނެ ހަގީގަތެއް ކަމަށެވެ.
ކީރިތި ގުރުއާނުގެ އާޔަތްތަކުން އެނގި ކަށަވަރުވާގޮތުގައި ކީރިތި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް، ނަބީކަމައިގެންވެސް އަދި ރަސޫލުކަމައިގެންވެސް ފޮނުއްވުނީ އާލަމްތަކަށް ރަހްމަތެއް ކަމުގައި ކަމަށާއި އެކަލޭގެފާނުގެ ކޮންމެ ބަސްފުޅަކާ އަމަލުފުޅަކީ މީސްތަކުންނަށް އަގުހުރި ނަމޫނާއެއް ކަމަށް ގާސިމް އިބްރާހީމްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
އެހެންކަމުން މިފަދަ ކޮންމެ ދުވަހެއްގައިވެސް މާތްވެގެންވާ އިސްލާމްދީނުގެ މަގަށް ދިވެހި ރައްޔިތުންނަށް ހިދާޔަތްދެއްވީތީ، ﷲ ތައާލާއަށް ފަށްފަށުން ހަމްދުކޮށް ޝުކުރުވެރިވާން ޖެހޭ ކަމަށާއި މި ލޮބުވެތި ދިވެހި އުންމަތުގެ ސަލާމަތަކީ އިސްލާމްދީންކަން ގަބޫލުކޮށް، ދިވެހި ފަސްގަނޑުން އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދިނުމަށް އަޒުމް އާކުރަން ޖެހޭ ކަމަށް ވެސް ގާސިމް އިބްރާހީމްގެ ތަހުނިޔާގެ މެސެޖް ނިންމާލަމުން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ