ވައުދެއްވާއިރަށް 30 އަހަރު އެކަން ނުކުރީ ކީއްވެތޯ ރައްޔިތުން އަހާނެ: ރައީސް ނަޝީދު

އަންނަ ސެޕްޓެމްބަރ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ޕީޕީއެމްގެ ސަރުކާރެއްގައި ކުރާނެ ކަންތައްތައް ހަގީގަތުގައި އެޕާޓީއަށް ބުނެދެވެން ނެތްކަމަށާއި ވައުދެއް ވާއިރަށް ވޭތިވެދިޔަ 30 އަހަރު އެކަން ނުކުރީ ކީއްވެގެންތޯ ރައްޔިތުން އަހާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގއ.ދާންދޫގައި މިރޭ ވާހަކަ ދައްކަވަމުން ޕީޕީއެމްއަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައްތައް ވިދާޅުވާ އަޑަށްވުރެ ބޮޑަށް އިވިވަޑައިގަންނަވަނީ އެމްޑީޕީގެ ބޭފުޅުންނާއި ގުޅޭގޮތުން ހުތުރު ވާހަކަތައް ދައްކަވާ އަޑުކަމަށެެވެ.
"އެބޭފުޅުން ކޮށްދޭނެކަމަށް ބުނާ ބައެއް ވާހަކަތައް ހަދާނަށް އާދޭ. ދިގު މުއްދަތަށް އަޅުގަނޑު ޖަލަށް ލާނަމޭ. ވޯޓްކަރުދާސްކޮޅުގައި އަޅުގަނޑުގެ ނަމެއް ނޯންނާނެއޭ. ހިފާ ހައްޔަރުކުރާނަމޭ، އަނިޔާކުރާނަމޭ. މުދާ ނަގާނަމޭ... މިއީ އެބޭފުޅުން ވިދާޅުވަމުން ގެންދެވި ވާހަކަތަކީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ޕީޕީއެމްއަށް އިންތިހާބު ކާމިޔާބު ވެއްޖެނަމަ އެބޭފުޅުންގެ ސަރުކާރެއްގައި މިވެނި އެވެނި ކަމެއް ކޮށްދޭނެކަމަށް ބުނާ އަޑު އިވިވަޑައިގަންނަވާލެއް ވަރަށް މަދުކަމަށާއި ހަގީގަތުގައި އެޕާޓީއަށް އެފުރުސަތު ނުވެސް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވައުދެއް ވެވަޑައިގަންވާއިރު އެބޭފުޅުންނަކީ ކުރިން ވަޒީރުކަމުގެ އިތުރުން ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންކަމަށްވާތީ 30 އަހަރު އެކަން ނުކުރެއްވީ ކީއްވެގެންތޯ ރައްޔިތުން އަހާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ހިޔާލު ފާޅުކުރުމުގެ މިނިވަންކަން، ސުލުހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން، އެއްވެ އުޅުމުގެ މިނިވަކަން އަޅުގަނޑުމެން ރައްޔިތުންނަށް ލިބިދީފައިވާއިރުގައި ހަގީގަތުގައި އެ ބޭފުޅުންނަކަށް ނެތް އަނގަހުޅުވާ ވާހަކަ ދެއްކޭކަށް. އެހެންވެ އެބޭފުޅުން ހަމައެކަނި، މިތަނުގައި ދެންމެ ކައުންސިލަރަކު ވިދާޅުވިހެން، ރިޔާސީ ކެންޑިޑޭޓުން ވާހަކަ ދައްކަވާ ގޮތަކަށް ނޫނޭ ވާހަކަ ދައްކަވަނީ. އެބޭފުޅުންނަކީ އެހަކަށް ދުވަހު ރިޔާސީ ކެންޑިޑޭޓުންނެއް ނޫން. ހުދުމުހުތާރު ވެރިން. އެބޭފުޅުންގެ ހުދުމުހުތާރުކަމުގައި ރާއްޖޭގެ ރައްޔިތުންނަށް ބިރުދައްކައިގެން، އަޅުގަނޑުމެންގެ މައްޗަށް އަނިޔާވެރިކަން ހިންގަވަމުން ގެންދެވި ބޭފުޅުން. އެހެންވީމަ އެބޭފުޅުންނަށް އެހެން ބަހުރުވައެއް އެނގިވަޑައި ނުގަންނަވަނީ. އެހެންވީމަ އެބޭފުޅުންނަށް އެހެން ވައުދެއް ވެވަޑައިގަންނަވަން އެނގިވަޑައި ނުގަންނަވަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ސިޔާސީ ވައުދު ވުމަކީ އެމްޑީޕީން ރާއްޖެއަށް ތައާރަފްކޮށްފައިވާ ކަމެއްކަމަށާއި އެބަހުރުވައިން ވާހަކަ ދައްކަން އެހެން ޕާޓީތަކުން މަސައްކަތް ކުރިނަމަވެސް "ގިތިޔޮގުޅިއަކުން ވަހެއް ނުފިލާނެ" ކަމަށެވެ. އަދި ފައިސާ ދީގެން ރައްޔިތުން ގަނެލުމަށް މަސައްކަތް ކުރާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ހަމަ މިހުރިހާ ވާހަކައެއް 2008 ވަނަ އަހަރު ތިޔަ ބޭފުޅުން އަޑު އައްސަވާފައިވާނެ. ސޫޓްކޭސްތަކުގައި ރުފިޔާ ގެނެސް ބެހިމިންވަރު އެންމެ ފަހުން ބައެއް ރަނިންމޭޓުންގެ ބޭންކު އެކައުންޓުގެ އަދަދުން އަޅުގަނޑުމެންނަށް މި އެނގެނީ. ދަރާފައިވާ މިންވަރުން. ހުރިހާ ވޯޓެއް ދިޔައީ ފަނުފުލުން. ހުރިހާ ފައިސާއެއްވެސް ދިޔައީ ހަމަ ފަނުފުލުން. ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެން އެއްބުރުން ނުހޮވޭނެ ހަމަ އެއްގޮތެއްވެސް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ދާންދޫގެ ބިން ހިއްކާނެކަމަށާއި ރައްޔިތުންނަށް ދޫކޮށްފައިވާ ހުސްބިންތަކުގައި ގެދޮރުވެސް އަޅާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ