މަންމާފުޅުގެ އެދުމަށް ޖާބިރު މައުމޫންއަށް މާފުކޮށްފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން އަނބުރާ ދައްކަވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނަންގަވާފައިވާ ކަމަށް ބުނާ 29 މިލިއަން ރުފިޔާ މާފުކޮށްދީ، ފުލުހަށް ހުށަހަޅާފައިވާ މައްސަލަ ނެގުމަށް ޖާބިރު ނިންމަވައިފި އެވެ. ޖާބިރު މިއަދު ވިދާޅުވީ، މައުމޫންއާ ދެކޮޅަށް ކަމެއް ނުކުރުމަށް ޖާބިރުގެ މަންމާފުޅު މަރިޔަމްމަނިކެ ގުޅުއްވާ އެދިވަޑައިގެންފައިވާ ކަމަށެވެ. ޖާބިރު ވިދާޅުވީ މަންމާފުޅުގެ އެދިވަޑައިގަތުމަށް އޭނާ ފުރަގަސް ދެއްވުމަށް ބޭނުންފުޅެއް ނޫނެވެ. އަދި މައުމޫން އެ ފައިސާ ހަރަދު ކުރެއްވީ ރައްޔިތުންނަށް ޑިމޮކްރަސީ ގެނެސް ދިނުމަށް ކަމަށް ވާތީ، އެއީ މާފުކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. "އެހެން ވީމާ މިއަދުން ފެށިގެން މައުމޫން އަޅުގަނޑަށް ދައްކަން ޖެހޭ ލޯނެއް ނޯންނާނެ. އަޅުގަނޑު އެކަން މާފުކޮށްފިން،" ޖާބިރު ވިދާޅުވި އެވެ. ޖާބިރު އަތުން މައުމޫން ނެންގެވި ފައިސާ ނުދީގެން ޖާބިރު އެންމެ ފުރަތަމަ އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ހެކި ނެތް ކަމަށް ބުނެ ފުލުހުން މައްސަލަ ނުބެލި އެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް އެ މައްސަލަ ހެއްކާ އެކު ކަމަށް ވިދާޅުވެ ޖާބިރު ފުލުހަށް ހުށަހެޅުއްވި އެވެ. އެއާ އެކު ފުލުހުން އެ މައްސަލަ ބަލަން ފަށައި މައުލޫމާތު ހޯދުމަށް ޖާބިރު ފުލުހަށް ހާޒިރުކުރި އެވެ. އެހެން ނަމަވެސް ޖާބިރު ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ މައުމޫންގެ ހާޒިރުގައި ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، ފުލުހުން އެ މައްސަލައިގައި މައުމޫން ހާޒިރުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ