ވެކްސިންގެ 700،000 ޑޯޒް އަންނަ މަހު ލިބެން ފަށާނެ: ނަސީމް

ކޮވިޑު-19 އިން ދިފާއުވުމަށް ރާއްޖެއިން ގަންނަ ވެކްސިންގެ 700،000 ޑޯޒް ލިބެން ފަށާނީ އަންނަ މަހު ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ނަސީމް ވިދާޅުވީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން އުފައްދާ އެސްޓްރާޒެނެކާ ވެކްސިން ލިބެން ފަށާނީ އަންނަ މަހުގެ ތެރޭގައި ކަމަށް ވިޔަސް އަދި ކިހާ ހިސާބެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފެށުމަށް ސަރުކާރުން އެންމެ ފުރަތަމަ ސޮއިކުރީ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާ އެކު އެވެ. އެ އެއްބަސްވުމުގެ ދަށުން 700،000 ޑޯޒް ގަންނައިރު، ތިން މަހަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު އަދި އެއްވެސް ޑޯޒެއް ލިބިފައެއް ނުވެ އެވެ.
އެސްޓްރަޒެނެކާ ވެކްސިން ލިބުން ލަސްވުމުން ރާއްޖެ އިން ފަހުން ވަނީ 300،000 ޑޯޒް ގަންނަން، ކޮވިޝީލްޑް އުފައްދާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ އެކު ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ސޮއިކުރިތާ މާ ގިނަ ދުވަހެއް ނުވެ 100،000 ޑޯޒް ލިބިފައި ވެ އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެސްޓްރަޒެނެކާ [ވެކްސިން] ޖޫން މަހުގެ ތެރޭގައި ލިބެން ފަށާނެ. ޖޫން ކޮން އިރަކު ކަމެއް ނޭނގެ އަޅުގަނޑުމެންނަށް ލިބޭނީ. ނަމަވެސް ލިބުނީމަ އަޅުގަނޑުމެންނަށް ހިތްހަމަޖެހިގެން މިކަމާ ދޭތެރޭގައި އުޅެވޭނެ،" ނަސީމް ވިދާޅުވި އެވެ.
Covid vaccine ge 700,000 doze libeyne thaareekheh neyngey
The most trusted news source in the Maldives
Mihaaru
އޭނާ ވިދާޅުވީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. ދެ ވަނަ ޑޯޒް ޖަހަންޖެހޭ މީހުންނަށް ވެކްސިން ރައްކާކޮށްފައިވާ ކަމަށާއި އެއަށް ދައްޗެއް ނާރައި އެކަން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ވެކްސިނޭޝަން ޕްރޮގްރާމުގައި މި ވަގުތު ތިން ބްރޭންޑެއް އެބަ ބޭނުންކުރެ އެވެ. އެއީ ކޮވިޝީލްޑާއި ސައިނޯފާމް އަދި ފައިޒާ ވެކްސިނެވެ. ފުރަތަމަ ޑޯޒް މިހާތަނަށް 296،961 މީހަކަށް އަދި 102،589 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވެ އެވެ.
ނަސީމް ވިދާޅުވީ އިންޑިއާއިން ކޮވިޝީލްޑް ވެކްސިންގެ އިތުރު ޑޯޒް ގެންނަން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު ބަލީގައި އިންޑިއާގެ ހާލަތު ހުރިގޮތުން މި ވަގުތު އެކަން ކުރުމަކީ ދަތިކަމެއްކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވިޔަސް ހޮސްޕިޓަލް ކެޕޭސިޓީ ރަނގަޅަށް ހިފެހެއްޓޭ ކަމަށެވެ. އެއީ، ގިނަ ބަޔަކަށް ވެކްސިން ޖެހިފައި ހުރުމުންކަން ފާހަގަކުރައްވައި ވެސް މިނިސްޓަރު ވަނީ ބަލިން ރައްކާތެރިވުމަށް ވީހާ ވެސް ބޮޑަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.
ރާއްޖޭގައި މި ވަގުތު ބޭނުންކުރާ ވެކްސިންތަކުގެ ދެ ޑޯޒް ޖަހަންޖެހެ އެވެ. ނަސީމް ވިދާޅުވީ ވެކްސިންގެ ބޫސްޓް ޑޯޒެއް އަންނަ އަހަރު ޖަހަން ޖެހިދާނެ ކަމަށާއި އެ ކަމުގެ މަޝްވަރާތައް ސިއްހީ މާހިރުން ކުރަމުން އަންނަ ކަމަށެވެ.
"މިކަމުގެ ތެރޭގައި ލައްކަ ދުވަހު އުޅެން ޖެހިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ