ހުޅުމާލޭގައި އިތުރު 14 ސްކޫލް އަޅަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އެޅުމަށް ބިން ކަނޑައަޅައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފައިވަނީ ހުޅުމާލޭ ދަވަނަ ފިޔަވަހީގައި 14 ސްކޫލެއް އެޅުމަށް ބިން ކަނޑައަޅައި އެޑިއުކޭޝަން މިނިސްޓްރީއާ އެކަން ހިއްސާ ކޮށްފައިވާ ކަމަށެވެ. މި ސްކޫލްތަކުގައި ކިޔައިވައިދެނީ ގްރޭޑް 1-12 އާއި ހަމަ އަށެވެ.
މީޑިއާތަކަަށް މައުލޫމާތު ދެމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ސްކޫލްތައް އަޅާނެ ބިމާއި ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި މިނިސްޓްރީން އެންގިހާ އަވަހަށް ބިން ހަވާލު ކުރާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަހަރުގެ ބަޖެޓުން އެ ސްކޫލް އެޅުމަށް 54 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ފުރަތަމަ ފިޔަވަހީގައިވެސް، އާބާދީ އިތުރުވަމުން އަންނަ ވަރު ބަލައި އިތުރު ސްކޫލެއް އަޅާނެ ކަމަށްވެސް ސުހެއިލް ވަނީ ވިދާޅުވެފައެވެ
ސަރުކާރުގެ އެކްޝަން ޕްލޭނަށް ބަލާއިރު ފާހަގަކޮށްލެވެނީ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމެވެ. މި ސިޔާސަތު ތަންފީޒު ކުރުމަށް މާލޭގައި އިތުރު ސްކޫލްތައް އެޅުމަށް ޖާގަ ނެތްއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލްތައް އަޅަން ބިން އެބައޮތެވެ،
މިނިސްޓްރީން ވިދާޅުވީ، މާލެ ސަރަހައްދުގައި މިހާރު ހުރި ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރަން އިތުރަށް 10 ސްކޫލު ބޭނުންވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ