ގުދުސް މައްސަލާގައި އދގެ އާންމު މަޖިލީހުގެ މެމްބަރު ގައުމުތަކަށް އެމެރިކާއިން ބިރުދައްކަނީ

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ރަސްމީގޮތުން ބަލައިގަތް މައްސަލާގައި ވޯޓަކަށް ދާންއުޅޭތީ، އދގެ އާންމު މަޖިލީހުގެ މެމްބަރު ގައުމުތަކަށް އެމެރިކާއިން ބިރުދައްކަމުން ގެންދާ ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލްމަލްކީ ވިދާޅުވެއްޖެއެވެ.
ތުރުކީއަށް ވަޑައިގެން ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުޓް ކަވުސޮގްލުއާ ބައްދަލު ކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އާންމު މަޖިލީހުގެ މެމްބަރު ގައުމުތަކަށް ބިރުދައްކައި އެމެރިކާއިން ލިއުމެއް ބެހިކަމީ އެމެރިކާއިން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެކަމަކީ، ގައުމުތަކުގެ އިސްތިގްލާލަށް އަރައިގަތުން ކަމަށްވެސް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ނިކީ ހޭލޭ އިއްޔެވަނީ، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތް މައްސަލައާ ދެކޮޅުހަދާ ވަކިވަކި މީހުންނާއި ގައުމުތަކުގެ ނަންތައް ރައީސް ޑޮނަލްޑް ޓްރަމްޕަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ އިންޒާރުވެސް ކުރައްވާފައެވެ.
ގުދުސް މައްސަލާގައި މިސްރުން އިސްނަގައިގެން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކޮށްފައިވާއިރު، ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެމްބަރުންގެ ތެރެއިން 14 މެމްބަރު ގައުމުން ވޯޓް ދީފައިވަނީ ގަރާރާ އެއްކޮޅަށެވެ. ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށެވެ.
ގުދުސް މައްސަލާގައި އދގެ އާންމު މަޖިލީހުގެ ކުއްލި ޖަލްސާއެއް މާދަމާރޭ ބާއްވަން ހަމަޖެހިފައިވާއިރު، ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އދގައި ހިމެނޭ އަރަބި ގައުމުތަކުގެ ގްރޫޕާއި، އިސްލާމީ ގައުމުތައް ހިމެނޭ ޖަމްއިއްޔާ، އޯ.އައި.ސީގެ ފަރާތުން ހުށަހަޅާފައިވަނީ ތުރުކީއާއި ޔަމަނުންނެވެ.
އދގެ އާންމު މަޖިލީހުން ފާސްކުރުމަށް ތުރުކީއާއި ޔަމަނުންވަނީ ގަރާރެއްގެ ދެލިކޮޕީ ތައްޔާރުކޮށް މެމްބަރު ގައުމުތަކަށް މިއަދު ބަހާފައެވެ. މިދެލިކޮޕީއަކީ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ވީޓޯކުރި ގަރާރާ އެއްގޮތް ގަރާރެއް ކަމަށް ވެއެވެ.
އޭގައި ބުނެފައިވަނީ، ގުދުސްއާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ނިންމާ ނިންމުމަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިގެންނުވާ އަދި ބާތިލް ނިންމުމެއް ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމިނަމަވެސް އެކަން އަނބުރާ ގެންދިއުމަށްވެސް ގަރާރުގައި ބުނެފައި ވެއެވެ.
ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލްމަލްކީ ވިދާޅުވީ، އަމިއްލަ އިޚްތިޔާރުގައި ވޯޓްލަނީ ކިތައް ގައުމުންކަން އާންމު މަޖިލީހުގެ ޖަލްސާ ނިމިގެންދާއިރު ދުނިޔެއަށް ހާމަވެގެންދާނެ ކަމަށެވެ.
"އެމީހުން ވޯޓްލާނީ އަދުލުއިންސާފަށް. އެމީހުން ވޯޓްލާނީ އަރަބި ގްރޫޕާއި، އޯ.އައި.ސީގެ ފަރާތުން ޔަމަނާއި ތުރުކީން ހުށަހަޅާފައިވާ ގަރާރާ އެއްކޮޅަށް. އެމެރިކާއިން ބިރުދެއްކިޔަސް، ގިނަ ގައުމުތަކުން އެކަމާ ދެކޮޅުހަދާކަން ސާބިތުވެގެންދާނެ" ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ