މައުމޫން ހަމީދަށް ވޯޓު ދެއްވުމަށް މައުމޫން އަންގަވައިފި

ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު އައްޔަން ކުރެއްވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް ވޯޓު ދެއްވުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންގަވައިފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް އިއްޔެ ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ޕީޖީ ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގައި އެ ކަމަށް ޝަރުތު ހަމަވާ އަދި އެކަމަށް އެންމެ ގާބިލް ބޭފުޅަކު ހޮއްވަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގަންނަވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ބޭނުންފުޅު ވަނީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ކަމަށް ޕީޕީއެމްގެ ރެލީތަކުގައި ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ.
"އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ އަލްއުސްތާޒު މައުމޫން ހަމީދު ކަމަށް ޕީޕީއެމްގެ އާންމު ރެލީއެއްގައި އެމަނިކުފާނު ވިދާޅުވެފައި ވާތީ އާއި އަދި އަލްއުސްތާޒު މައުމޫން ހަމީދަށް ޕީޕީއެމްއަށް ނިސްބަތްވާ ހުރިހާ މެމްބަރުން ވޯޓުދެއްވުން އެދިވަޑައިގެން، ޕީޕީއެމްގެ ރަސްމީ ވައިބާ ގްރޫޕެއް މެދުވެރިކުރައްވައި އެމަނިކުފާނު މެސެޖެއް ކުރައްވާފައިވާތީ އެވެ،" ޕީޕީއެމްގެ ރައީސް މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.
މައުމޫން ހަމީދުގެ އިތުރުން ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިންގެ ނަންފުޅު ވެސް ރައީސް ޔާމީން ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.
އެ ދެ ބޭފުޅުން މިނިވަންމުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހާޒިރުކުރައްވައި އިންޓަވިއު ކުރެއްވުމަށް ފަހު މާކްސް ދިން އިރު ކޮމެޓީން ފާސްވާ މިންވަރަށް މާކްސް ލިބިވަޑައިގެންފައި ނުވެ އެވެ.
އެ ބޭފުޅުންގެ ނަން ކޮމެޓީން ފާސްވާ މިންވަރަށް މާކްސް ނުލިބުނީ 75 ޕަސެންޓަށް ވުރެ ގިނައިން މާކްސް ލިބިވަޑައިގެންފައި ނުވުމުންނެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ ޕީޖީއަކަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ ދެ ނަންފުޅުގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދެވީ މުހުތާޒު ކަމަށެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 67 ޕަސެންޓް މާކްސް ކަމަށާއި މައުމޫން ހަމީދަށް ލިބިވަޑައިގެންނެވީ 33 ޕަސެންޓް މާކްސް ކަމަށް އެނާ ވިދާޅުވި އެވެ.
މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް ނިމިދިޔަ މަޖިލީހަށް ހުށަހެޅުމުން އެފަހަރު ވެސް ފާސްވާ މިންވަރަކަށް އޭނާ އަށް މާކުހެއް ނުލިބުނެ އެވެ. އެފަހަރު އޭނާ އަށް ލިބިވަޑައިގެންނެވީ 67.06 ޕަސެންޓް މާކުހެވެ. އަދި ކޮމެޓީން ވެސް ކުރިން ފާސްކޮށްފައި ވަނީ އޭނާ ޕީޖީގެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށެވެ. ޖީޕީއަކަށް އައްޔަން ކުރަން މައުމޫން ހަމީދުގެ ނަން މަޖިލީހުގެ ތަޅުމުން ކުރިން ފާސް ނުވީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ނުލިބުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ