ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލުކުރަން އުޅެނީ ޒާތީ ވެގެން - އަދުރޭ

ދިވެހި ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަމާއި، ކުލަ ބަދަލު ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޒާތީވެގެން ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އެ އިދާރާގެ ނަމާއި ކުލަ ބަދަލުކުރަން ޖެހޭކަމަށް ވަކާލާތު ކުރަނީ މި ވެރިކަމާއި ޝަހީދު ހުސެއިން އާދަމް ޝަހީދުކޮށްލި ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ އާއި ގުޅުން އޮތުމުންކަމަށް ޤަބޫލު ކުރައްވާކަމަށެވެ.
އަދި މަޖިލީހުގައި ފުލުހުންނަށް އަމާޒުކޮށް ދައްކާ އެފަދަ ވާހަކަތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފުރުސަތު ދެއްވައިގެން ދައްކަވާ ވާހަކަތައް ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.
"އެއީ އަޅުގަނޑު ޤަބޫލުކުރާގޮތަކީ. ޝަހީދު ހުސެއިން އާދަމް ބިލްޑިން ބަދަލުކުރުމަށް ގޮވާލަނީ ޒާތީވެގެން." އޭނާ ވިދާޅުވިއެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ކުރީގެ ރައީސް ނަޝީދުގެ އާއިލީ ބޭފުޅުން ހިމެނޭކަމަށް ބުނެ، އެ ދުވަހުގެ އުދުވާނީ ހަމަލާ ދިފާއުކުރަން އެމަނިކުފާނަށް ތާޢީދުކުރާ ފަރާތްތަކުން ވަކާލާތުކުރާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކަށް ބަހުސް ނިންމާކުރުމުގެ ގޮތުން ވާހަކަ ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަން ބަދަލު ކުރުމަށް ބިލުގެ ބަހުސްގައި މެމްބަރުން ހުށަހަޅާފައިވާ ކަމަށެވެ.
އެ ބިލަށް ބަހުސްކުރައްވަމުން ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެން ނަމެއް ވެސް ބޭނުން ވެޔޭ، އެހެން ކުލައެއްވެސް ބޭނުން ވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެން ތަނެއްގައޭ، މިދިޔަ ހުރިހާ ދުވަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިގޮތަށް މިއަދު މަޖިލީހުގައި ފުލުހުންނާއި ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، އިއްޔެ ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައިވެސް ގިނަ މެމްބަރުން ވަނީ ފުލުހުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ