ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނަގަން ދިއުމުން އެކަމަށް ދެކޮޅު ހެދި މީހަކު ދިއްފުށިން ހައްޔަރުކޮށްފި

ކޮވިޑް19 އަށް ސާމްޕަލް ނެގުމަށް ކޯޓު އަމުރެއްގެ ދަށުން ދިއުމުންވެސް އެކަމާއި ދެކޮޅު ހެދި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކޮވިޑް19 ޖެހިފައިވާ ކަމަށް ރަށު ތެރޭގައި އަޑުފެތުރުމަށް ފަހު އަދި އެމީހާ އަމިއްލައަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގުޅުމަށްފަހު ކޮވިޑް19ގެ އަލާމާތްތަކެއް ހުރި ކަމަށް ބުނެފައިވާ ކަމަށެވެ.
އެޗްޕީއޭ އިން އަންގައިގެން ހެލްތު ސެންޓަރުން ސާމްޕަލް ނަގަން ދިއުމުން އެކަމަށް އޭނާ ދެކޮޅު ހެދުމުން، އެކަމަށް ކޯޓު އަމުރެއް ނެރުނު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނަގަން ދިއުމުން ވެސް ސާމްޕަލް ދިނުމަށް އޭނާ ދެކޮޅު ހެދުމުން އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި މިއަދު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މީހާ ހައްޔަރުކުރީ ކ. ދިއްފުށިން ކަމަށާއި ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ