ސަރުކާރުގެ އޮފީސްތަކުން ކަރަންޓް ހަރަދުކުޑަކުރަނީ

ސަރުކާރުގެ އޮފީސްތަކުން ކަރަންޓު ހަރަދުކުޑަކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ސްޓެލްކޯގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުން ކަރަންޓް ހަރަދުކުޑަކުރުމާ ބެހޭ ގޮތުން މިދިޔަ އަހަރުން ފެށިގެން ކެބިނެޓްގައި މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ދައުލަތުގެ އެހެން މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރުދުން ވެސް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.
ޑރ. ވަހީދު ވިދާޅުވީ ސަރުކާރުން އިސްނަގައިގެން އެ ޕްރޮގްރާމް ފެއްޓުމުގެ މަގުސަދަކީ ކަރަންޓްގެ ހަރަދުކުޑަކުރުމުގެ އާދަކާދަތަކެއް އެހެން އެންމެނަށް ދައްކައިދިނުން ކަމަށެވެ.
"ހަމައެކަނި އަޅުގަނޑުމެންގެ އޮފީސްތަކުގައި ހަރަދުކުޑަކުރުމެއްނޫން ]މި ޕްރޮގްރާމްގެ މަގުސަދަކީ[. އަޅުގަނޑުމެން ބޭނުންވަނީ މިއީ ކުރެވިދާނެ ކަމެއްކަން ދައްކުވައިދިނުން. އަދި ހުރިހާ މުއައްސަސާތަކުންނާއި އަމިއްލަ ކުންފުނިތަކުން ވެސް އަދި އާއްމުކޮށް ހުރިހާ ގޭގެއިން ވެސް ކަރަންޓްގެ އިސްރާފު މުޅިން ކަނޑާލެވޭނެ ގޮތަކަށް މަސައްކަތްކުރުން،" ނާއިބު ރައީސް ވިދާޅުވި އެވެ.
ޑރ. ވަހީދު ވިދާޅުވީ ކަރަންޓް ހަރަދުކުޑަކުރަން ރައީސް މުހައްމަދު ނަޝީދު ވެސް އަންގަވާފައިވާ ކަމަށެވެ. ނަމަވެސް އެކަންކުރެވޭނެ ގޮތެއް ނުވެގެން ލަސްވެގެންދިޔައީ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ޑރ. ވަހީދު ވިދާޅުވީ ކަރަންޓް ހަރަދުކުޑަކުރުމާ ބެހޭ ގޮތުން ކެބިނެޓްގައި އިއްޔެ ވަރަށް ދިގުކޮށް މަޝްވަރާކުރުމަށްފަހު ނިންމީ މިއަދު އެ ޕްރޮގްރާމް ފެށުމަށް ކަމަށެވެ.
ނާއިބު ރައީސް ވިދާޅުވީ ކަރަންޓަކީ މިހާރު ވަރަށް އަގުބޮޑު އެއްޗެއް ކަމަށާއި ތެލުގެ އަގު ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުން ކަމަށެވެ.
"އަޅުގަނޑަށް އެންމެ ފަހުން އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ އެސްޓިމޭޓް ދައްކާ ގޮތުން ކުރިޔަށް އޮތް ތިން ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި 150 ޑޮލަރަށް ތެޔޮ ބެރެލްއެއް ދިއުމަކީ އެކަށީގެންވާ ކަމެއް. މި ހިސާބަށް އަގު ދިޔައިމަ އަޅުގަނޑުމެންނަށް ދެން ކެތެއް ނުކުރެވޭނެ،" ނާއިބު ރައީސް ވިދާޅުވި އެވެ. "މިހާރު ތެލުގެ އަގުގެ ހަމައަގު ދައްކަން ޖެހިއްޖެއްޔާ މިރާއްޖޭގެ ގިނަ ބަޔަކަށް އެ އަގެއް ނުދެއްކޭނެ. އެހާ ފޯރުންތެރިކަމެއް ނެތް."
ޑރ. ވަހީދު ވިދާޅުވީ މިހާރު ވެސް ކަރަންޓްގެ އަގަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި ވަރަށް ބޮޑު އަގެއް ދައްކާ ކަމަށެވެ.
"އެހެންވެ މިހާރު ވެސް ކިރިޔާ އޮބިއޮންނަވަރު މިވަނީ،" ނާއިބު ރައީސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ކަރަންޓް ހަރަދުކުޑަކުރުމުގެ އާދަ ހަރުލަންދެން އެ ޕްރޮގްރާމް ހިންގަވާނެ ކަމަށެވެ. އަދި އޮފީސްތަކުން ކަރަންޓްގެ ހަރަދުކުޑަކޮށްފި ނަމަ ކަރަންޓަށް ކުރާ ހޭދައިގެ ވިއްސަކަށް ޕަސެންޓް ކުޑަކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ އޮފީސްތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތައް އޮޓޯއިން ނިވޭނެ ގޮތް ހެދުމާއި ކަރަންޓް ޚަރަދު ކުޑަކުރަން ބޭނުންކުރާ އެލްއީޑީ ލައިޓް ހަރުކުރުމާއި އެއާކޮންޑިޝަންތަކުގައި ޓައިމާ ޕްރޮގްރާމް ހަރުކުރުމުގެ އިތުރުން ސޯލާ ޕެނަލް ޖެހުން ފަދަ ކަންތައްތައް ކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ