ފުލުހުން ހޯދާ އަސީލްގެ ގެ އަނެއްކާވެސް ފާސްކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސީލް ދިރިއުޅުއްވާ ހ.އައިދާ އަށް ފުލުހުން ވަދެ އަނެއްކާވެސް ފާސްކޮށްފި އެވެ. ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގެ ތެރެއިން އެމްއެމްޕީއާރްސީގެ ސީރިއަސް މައްސަލަތަކެއް ފާހަގަވެ، އެ މައްސަލަތައް ބަލަމުން އަންނައިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ހައްޔަރުކޮށްފަ އެވެ. މެންދުރު ފަހު އައިދާ އަށް ވަދެ ފާސްކުރި އިރު މެޓަލް ޑިޓެކްޓާ ގެންގުޅުތަން ވެސް ފެނިފައިވެ އެވެ. އަދި ގޭގެ ބައެއް މުށިތައް ތަޅާލާފައިވެ އެވެ. ލޮނުޒިޔާރަތް މަގުގައި ހުންނަ މި ގެ އަނެއްކާވެސް ފާސްކޮށްފައި މި ވަނީ ސީދާ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ. އެކަމަކު ހާއްސަ އޮޕަރޭޝަންގައި މިއަދު ވެސް ބައެއް ތަންތަން ފާސްކުރާނެ ކަމަށް ބުންޏެވެ. ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ފާސްކުރުމަށް ފަހު 3:30 ގެ ފަހުން ފުލުހުން އެ ގެއިން ގޮސްފައި ވަނީ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ބައެއް އެއްޗެހި ހިފައިގެންނެވެ. އަސީލް އަކީ ރައީސް އަވަހާރަކޮށްލަން ސެޕްޓެމްބަރު 28 ވަނަ ދުވަހު އެމަނިކުފާނުގެ ލޯންޗުގައި ދިން ހަމަލާގެ ތަހުގީގަށް ބޭނުނުންވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ވަނީ ރާއްޖެ އިން ބޭރަށް ގޮސްފައި ކަމަށާއި އަމިއްލަ އަށް ފުލުހުންނާ ހަވާލު ނުވެއްޖެ ނަމަ އިންޓަޕޮލް ރެޑް ނޯޓިސް ނެރެގެން ނަމަވެސް ހައްޔަރުކުރާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ދެއްވައިފައެވެ. ފުލުހުން މިހާރު ދަނީ ހެންވޭރު ބޮޑުފުންގަނޑު މަގުގައި ހުންނަ ތަނެއް ވެސް ފާސްކުރަމުންނެވެ. ނަމަވެސް ފާސްކުރަމުން ދަނީ ކޮން ތަނެއް ކަމެއް އަދި ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ