އައްޑޫ ތަރައްގީކުރާނީ މެލޭޝިއާ، ދުބާއީން ފެންނަން ހުރި ތަސައްވުރުތަކާ އެކު: ގާސިމް

ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި އައްޑޫ ސިޓީ ތަރައްގީކުރާނީ މެލޭޝިއާ އާއި ދުބާއީން ފެންނަން ހުރި ތަސައްވުރުތަކާ އެކު ކަމަށް ވިދާޅުވެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އައްޑޫގެ ރައްޔިތުންނަށް ބޮޑެތި ގިނަ ވައުދުތަކެއް ރޭ ވެވަޑައިގެންފި އެވެ.
ޖުމްހޫރީ ގުޅުމުން ހިތަދޫގެ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އައްޑޫ މީހެކޭ އެއްގޮތަށް އައްޑޫގެ ހާލަތު އޭނާ އަށް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގެ ފުރަތަމަ އަހަރު އައްޑޫގައި ފެނާއި ނަރުދަމާގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް އެއީ މުޅި އާބާދީގެ ހުރިހާ ގޭބިސީއަކަށް ލިބޭ ހިދުމަތަކަށް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މެލޭޝިއާ އާއި ދުބާއީ ފަދަ ތަރައްގީވެފައިވާ ގައުމުތަކުން ފެންނަން ހުރި ތަސައްވުރުތަކާ އެއްގޮތަށް އައްޑޫ ތަރައްގީކުރާ އިރު "ވިޝަން އައްޑޫ" ގައި ހިމެނޭ ކަންތައްތަކަށް ވެސް ރިއާޔަތްކޮށް އައްޑޫ މާސްޓަ ޕްލޭން ފަރުމާކުރައްވާނެ ކަމަށެވެ.
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ކޮށްދޭނެ އިތުރު މުހިއްމު ކަންތައްތަކުގެ ތެރޭގައި ބިން ހިއްކުމާއި ގަން އެއާޕޯޓް އިންޓަނޭޝަނަލް އޮޕަރޭޝަންތަކަށް ފުރަތަމަ އަހަރުގެ ތެރޭގައި ފުރުސަތު ހުޅުވާލުން ހިމެނެ އެވެ. މީގެ އިތުރުން ވެރިކަމުގެ ފުރަތަމަ އަހަރު ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އައްޑޫގައި ގާއިމުކޮށް، ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށާއި މާލެ އަށް ދާން ނުޖެހޭ ވަރުގެ ހިދުމަތްތަކެއް ފޯރުކޮށް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްހާ ނިކަމެތި ހޮސްޕިޓަލަކަށް ރާއްޖޭގެ އެހެން އެއްވެސް ތަނަކުން މިހާތަނަށް އޭނާ އަށް ވަޑައިނުގެންނެވޭ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި އައްޑޫގައި މިހާރު ހިންގާ ރިސޯޓްތަކުގެ އިތުރަށް، ކުރިއަށް އޮތް ތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ސަރަހައްދުގެ ޓޫރިޒަމްގެ އެނދުގެ އަދަދު 4،000 އަށް މައްޗަށް ޖައްސާނެ އެވެ. އޭގެ ސަބަބުން 6،000 އެއްހާ ވަޒީފާގެ ފުރުސަތު ވެސް ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އައްޑޫގައި 50 މެޓްރިކް ޓަނުގެ މަސް ފެކްޓްރީއެއް ގާއިމުކޮށް، ގަން އެއާޕޯޓް މެދުވެރިކޮށް ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓް ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމުގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އަރަބި ބަހުން ކިޔަވައިދޭ ހަތަރު ސްކޫލް ގާއިމުކުރަން ނިންމާފައިވާ އިރު، އޭގެ ތެރެއިން އެއް ސްކޫލް ހަދާނީ އައްޑޫގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ