ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް ދަށު ކޯޓުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ މެމްބަރު އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އިއްޔެ ހަމަޖައްސަވައިފި އެވެ.
ޖޭއެސްސީން އާންމުކޮށްފައިވާ ގޮތުން އަބްދުﷲ ދީދީ އެ މަގާމަށް ހަމަޖެއްސެވީ އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން އެ ކޮމިޝަންގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، އަބްދުﷲ ދީދީގެ ނަން ހުށަހެޅުއްވުމުންނެވެ. އަދި އެ ކޮމިޝަނަށް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރައްވާފައިވާ މުހައްމަދު ސަލީމް )ރޭނިސް ސަލީމް( އެ ނަމަށް ތާއީދު ކުރެއްވުމުން އަބްދުﷲ ދީދީ އެކަމަށް އިއުތިރާޒް ކުރައްވާފައި ނުވާތީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގައިގެން ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ. އަދި އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ހަތް މެމްބަރުންގެ ވޯޓު ވެސް އަބްދުﷲ ދީދީ އަށް ލިބިވަޑައިގަތް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އެ ޖަލްސާގައި ނައިބު ރައީސަކަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާ ކަމަށާއި އިތުރު ބޭފުޅެއްގެ ނަން ހުށަހެޅިފައި ނުވާ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.
އަބްދުﷲ ދީދީ އަކީ ކްރިމިނަލް ކޯޓުގައި ބޮޑެތި މައްސަލަތަކެއް ނިންމަވާފައިވާ ގާޒީއެކެވެ. އެގޮތުން ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލް ހަމީދުގެ މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ މައްސަލައިގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލްގެ މައްސަލަ ވެސް ބައްލަވާ ނިންމަވާފައި ވަނީ އަބްދުﷲ ދީދީ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ އަލްގީންގެ މައްސަލަ ވެސް މިހާރު ބައްލަވަނީ އަބްދުﷲ ދީދީ އެވެ.
ޖޭއެސްސީގެ ނައިބު ރައީސަކަށް އަބްދުﷲ ދީދީ ހަމަޖައްސަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ