ގާސިމް ފްރޭމްކުރަން ބަޔަކު މަސައްކަތް އެބަކުރޭ: ވަކީލުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފްރޭމްކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އެމަނިކުފާނުގެ ގާނޫނީ ޓީމުން ދައުލަތުގެ މުއައްސަސާތަކާ ހިއްސާކޮށްފިއެވެ.
ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، ވޭތުވެދިޔަ ހަފުތާގެ ދުވަހެއްގައި ގާސިމް އިބްރާހީމް ދިރިއުޅުއްވާ މ.މާފަންނުވިލާއިން މެންދުރުގެ ވަގުތެއްގައި ނުކުންނެވި ވަގުތު، ކާކުކަން ނޭނގޭ މީހަކު އެމަނިކުފާނާ ބައްދަލުކޮށް، އެކަހެރިކޮށް ވާހަކަ ދެއްކުމަށް ބޭނުން ކަމަށް ބުނެފައިވާ ކަމަށެވެ.
އަދި އެމީހާ ދެއްކި ވާހަކައިގައި ގާސިމް އިބްރާހީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް އެމަނިކުފާނު ފްރޭމްކުރުމަށްޓަކައި އެމަނިކުފާނުގެ މަސްލަހަތު އޮންނަ ތަނެއްގައި ދެބަޑި ޕްލާންޓްކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެމީހާގެ ފޯނުން އެދެބަޑީގެ ފޮޓޯ ކަމަށް ބުނެ ދެފޮޓޯ ވެސް ދައްކާފައިވާ ކަމަށެވެ.
ގާސިމްގެ ގާނޫނީ ޓީމުން ބުނީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ކޮށްގެން ސިޔާސީ ދައުވާތައް ކުރަމުން އަންނަ ވަގުތެއްގައި މިފަދަ ނުރައްކާތެރި ޕްލޮޓެއްގެ މައުލޫމާތު ލިބިފައިވާތީ، ގާސިމް އިބްރާހީމްގެ ފަރާތުން މިހާރު ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުން އެދި ޕޮލިސް ސާވިސްއަށާއި ޑިފެންސް މިނިސްޓްރީއާއި ޕީޖީއަށް ހުށަހަޅާފައިވާ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ