ނަތީޖާ ރަނގަޅު ކުރެވޭނީ ސުލްހަ އިސްކޮށްގެން: އަބްދުﷲ ކަމާލުއްދީން

ކަންކަމުގައި މަޝްވަރާކޮށް ސުލްހަވެރިކޮށް ކަންކަން ކުރިއަށް ގެންދިއުމަށް ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ފުލުހުންނަށް ގޮވާލައްވައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ޖޭޕީގެ ނާއިބު ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ މީހަކު ކުރާ އިޝާރާތަކުން ނުވަތަ ބުނާ ބަހަކުން، ގާނޫނީގޮތުން އުފެދިފައި އޮންނަ ސަރުކާރަކާމެދު ބައެއްގެ ހިތްނުބައި ވެއްޖެނަމަ ތަހުގީކުރުމުގެ ޒަމާން ވޭތުވެ ހިނގައްޖެ ކަމަށެވެ.
މާޒީގައި ހިނގާފައިވާ އެފަދަ ކަންކަމުން މިސާލު ޖައްސަވަމުން ކަމާލުއްދީން ވިދާޅުވީ ފުލުހުން މިއަދު އަމަލުކުރަމުންދާ ގާނޫނާ ހަމައަށް އައީ އެފަދަ އެތައް ކަމެއް ތަކުރާރުވެދިޔަ ފަހުން ކަމަށެވެ. ފުލުހުންގެ ހަރަކާތްތައް ބައްޓަން ކުރުމަށް މިހާރު ވަރަށް ރަގަޅު އުސޫލުތަކެއް ހެދިފައި އެބައޮތް ކަމަށާއި ސުލްހަމަސަލަންކަން ވަރަށް ރަގަޅަށް ބެލެހެއްޓުމުގެ ފުރުސަތު ގާނޫނުތަކުން ލިބިދީފައި އެބައޮތް ކަމަށް ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ސަރުކާރާއި ވެސް އިދިކޮޅު ފަރާތްތަކާ ވެސް ފުލުހުން ވާހަކަ ދައްކަންވާނެ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބަކަށް ވަނީ ކަންކަމުގައި މަޝްވަރާކޮށް ސުލްހަމަސަލަސްކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދައިގެން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވިއެވެ. އެގޮތަށް ފުލުހުންގެ މަސައްކަތް ރޭވުމުން މިއަދު މިފެންނަ ނަތީޖާއަށް ވުރެ ރަގަޅު ނަތީޖާ ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި އޮންނާނެ ދިވެހި ރައްޔިތުންނަކީ ދުށްމަނުން ނޫން ކަމަށް ބުނާ ބައެއް. ރައްޔިތުންގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކާ ދުޝްމަން ވުމާއި ސަރުކާރާ ރައްޔިތުންނާ ދުޝްމަން ވުމާ މިއީ އަޅުގަނޑުމެން ތެރޭގައި ވާންޖެހޭ ކަންތައްތަކެއް ނޫން. މުޅި ގައުމުގެ ކަންކަން މެނޭޖްކުރެވޭނެ މާހައުލާއި އެ އޮނިގަނޑު އެބައޮތް މިއަދު" ކަމާލުއްދީން ވިދާޅުވިއެވެ.
ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްސަ މަޖިލިހުގައި ވެސް އިންނެވި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރާއްޖެއަކީ ޅަފަތުގެ ޑިމޮކްރެސީއެކޭ ބަޔަކު ބުނަމުން އައި ނަމަވެސް އެކަން ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އިސްލާހީ މަސައްކަތް ފެށުނީ 2004 ވަނަ އަހަރު ކަމަށާއި އޭރުން ފެށިގެން އަންނަނީ އިސްލާހީ މަސައްކަތްތައް ހިނގަމުން ކަމަށެވެ. އެ މަސައްކަތުގެ ދަށުން ކުރެވުނު ކަމަކީ ގާނޫނުއަސާސީއެއް ފާސްކުރުން އެކަނި ނޫން ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭގެ އިތުރަށް މަގުޗާޓެއްވެސް އެކުލަވައިލެވުނު ކަމަށާއި އެ މަގުޗާޓު މިއަދު އޮތްނަމަ ފުރިހަމަކުރެވޭނެ އިތުރު ކަންކަން ވެސް ހުންނާނެ ކަމަށެވެ. ރާއްޖޭގެ ޑިމޮކްރެސީ ސިފަކުރެއްވެނީ ޅަފަތުގައި އޮތް އެއްޗަކަށްވުރެ ބޮޑަށް ފުރިހަމަނުކޮށް އޮތް ޑިމޮކްރެސީއެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.
"ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭ ޔޫރަޕް ބިމާ ހަމަކޮށްލި. އަލުން އާރާސްތުކުރުމަށް ލިޔުނީ މާޝަލް ޕްލޭން ކިޔާ ޕްލޭނެއް. ދެން އަޅުގަނޑުމެން ދައްކަނީ އެމެރިކާ ނުވަތަ ކުރިއަރާފައި އޮތް ގައުމެއްގެ ވާހަކަ. އެމީހުން މަހާސިންތާ ބާއްވައިގެން އިންޓަވަލް ގަޑީގައި ސައިބޮއިގެނެއް މިކަންކަމެއް ނުކުރޭ. ޕްލޭންތައް ލިޔެގެން އޭގެ މައްޗަށް ގައުމު ބިނާކުރަނީ" އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެގައުމުތަކުގައި ގައުމު ބިނާކުރުމުގެ ޕްލޭންތައް ރާވަނީ އެކަކު އަނެކަކާ ވާހަކައް ދައްކައި އެންމެން ގުޅިގެން ކަމަށެވެ. އެހެންކަމުން ޅާފަތުގެ ޑިމޮކްރެސީއޭ ކިޔުން ހުއްޓާލައި ފުރިހަމަނުވާ ޑިމޮކްރެސީ ފުރިހަމަ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ