ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ފުލުސް އޮފީހަށް ހާޒިރުކުރީ އަމިއްލަ ފަރާތަކުން ހުށަހެޅި ރިޝްވަތުދޭން އުޅުނު ކަމުގެ ތުހުމަތުގައި ބަޔާން ނެގުމަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ރޭ 20:30 ހާއިރު، ގާސިމް ފުލުސް އޮފީހަށް ބަޔާން ނެގުމަށް ހާޒިރުކުރިއިރު، އޭނާ ފުލުސް އޮފީހުން ނުކުމެފައި ވަނީ 12:00 ޖަހަން ކައިރިވެފައި ވަނިކޮށެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރި އިރު އޭނާގެ ސަޕޯޓަރުންނާއިއި، ބައެއް މަޖިލީސް މެންބަރުންނާއި، އެމްޑީޕީ، އަދި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަން މީހުން ވަނީ އެ ސަރަހައްދަށް ފުލުހުންގެ އިދާރާ ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.
ފުލުސް އޮފީހަށް ނުކުތުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް ވިދާޅުވީ، ފުލުހުން އޭނާ ހާޒިރުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވައި، ނުފޫޒު ފޯރުވާފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާތީކަމަށް ބުނެ އެކަން ތަހުގީގުކުރުމަށް ކަމަށެވެ.
"މިކަމަކީ ސިޔާސީ ބޮޑު ސިންގާ ބޮޑު މަޖާގަނޑެއްގެ ތެރެއިން ކަންތައްގަނޑެއް. އަޅުގަނޑު ދަންނަވަން މިއުޅެނީ ސިޔާސީ ބޮޑު ކުޅިގަނޑެއްގެ ތެރެއިން ހިނގާފަ އޮތް ކަމެކޭ މިއީ". ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ރޭ ބަޔާން ނެގުމަށްޓަކައި އެތަނުގައި ކުރިއަށްދިޔަ ހުރިހާކަމެއް ވެސް ދިޔައީ ވަރަށްވެސް އިންސާފުވެރިކަމާއި، އެއްވެސް ކަހަލަ އުނދަގޫތަކެއް ނެތިކަމަށެވެ.
"ފުލުހުން އެ މަސައްކަތް ކުރެއްވީ ވަރަށް އިންސާފުވެރިކޮށް. ގާނޫނާއި، ގާނޫނުގެ ހުދޫދުގެ ތެރެއިން، އަޅުގަނޑުމެންގެ ލޯޔަރުންނަށްވެސް ދޭންވީ ފުރުސަތުތަކާއި އެއްޗެހި ދެއްވައިގެން އަޅުގަނޑަށްވެސް ފުރުސަތު ދެއްވައިގެން". ގާސިމް ވިދާޅުވިއެވެ،
ގާސިމް ވިދާޅުވީ، އެ މައްސަލަ ފުލުސް އޮފީހުގައި ޖެއްސީ އާންމުންގެ ފަރާތެއް ނަމަވެސް، އޭނާގެ ނަން ހާމަކުރަން ބޭނުން ނުވާ ކަމަށާއި، އަދި ސިޔާސީ އޮއިވަރުގައި މިފަދަ މައްސަލަތަކާއި ކުރިމަތިވެދާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ.
"ސިޔާސީ މަސްރަހުގެތެރޭގައި އުޅޭއިރު މިކަލަ ރާޅު ރާޅާއި ބާނިގަނޑާވެސް ދިމާވާނެ. އެކިގޮތްގޮތަށް އަންނާނެ ނޯތު ރޯޅި އާއި ރަނގަޅު ރޯޅި އާއި ހުރިހާ ފަރާތަކުން ވެސް ދިމާވާނެ. އެއީކީ ދެން މައްސަލައެއް ނޫނެއްނޫންތޯ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ރޭ ފުލުހަށް ހާޒިރުކުރި އިރު ކުރީރޭ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.
މަޖިލިސް މެންބަރުންނަށް ރިޝްވަތު ދޭން ގާސިމް އުޅުނުކަމަށް ތުހުމަތު ކުރެވިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ