ގާސިމަކީ އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރު: އަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަކީ ސިޔާސީ މައިދާނުގައި ހުރި އެންމެ ނުފޫޒުގަދަ ބޭފުޅާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރިޔާޒު މިހެން ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރުކޮށް ކޯޓަށް ހާޒިރު ކޮށްފައިވާތީ އެކަމާ ގުޅިގެން ވީޓީވީން މިއަދު ގެނެސްދިން ލައިވް ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހިމް ދެވަނަ ފަހަރަށް ހައްޔަރުކޮށްފައި މިވަނީ މީގެ ކުރިން ގާނޫނާ ހިލާފަށް އެމަނިކުފާނު ހައްޔަރުކޮށްފައިވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ އެއީ ގާނޫނާ އެއްގޮތަށް ކުރި ކަމެއް ކަމަށް ނިންމުމަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިހާރު މިިހިނގާ ހުރިހާ ކަމެއް ރައްޔިތުންނަށް އެނގޭނެ ކަމަށާއި މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި އެންމެ ނުފޫޒުގަދަ ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ޖޭޕީގެ ލީޑަރު ގާސިމް ދެކެ ޖެހިލުންވަނީ އެ ސަބަބާ ހެދި ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހިމް ބޭނުންފުޅުވާ ގޮތަށް އިންތިހާބުތަކުގައި ކަންކަން ބެލެންސް ވަމުންދާ ތަން ރިޔާސީ އިންތިހާބުތަކުގައި ފެންނަމުންދާ ކަމަށެވެ. ރާއްޖޭގައި މިވަގުތު ތިއްބެވި ހަތަރު ސިޔާސީ ލީޑަރުން އެއްގަލަކަށް އަރުއްވައިގެން މަސައްކަތް ކުރެއްވުމަކީ ރައީސް ޔާމިނަށް އެއްގޮތަކަށްވެސް ވިސްނިވަޑައިގެންފައިވާ ކަމެއް ނޫން ކަމަށެވެ.
"ގާސިމް އިބްރާހިމަކީ ޕޮލިޓިކްސް ބެލެންސް ކުރުމުގައި އެންމެ ނުފޫޒު ގަދަ އެއްބޭފުޅާ. ރައީސް ޔާމީން ނުވެސް ވިސްނަވާ ހުންނަވަނިކޮށް ހަތަރު ލީޑަރުން މިވަނީ އެއްގަލަކަށް އަރައި މޮޅު ކުޅިއެއް ކުޅުއްވާފަ. ރައީސް ޔާމީން ނުވިސްނަވާ މިއީ ކުރެވިދާނެ ކަމެއް ކަމަކަށް ވެސް،" ކިނބިދޫ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާހަށްޓަކައި މަސައްކަތް ކުރުމަށް އިދިކޮޅު ހަތަރު ލީޑަރުން އެއްގަލަކަށް އަރާވަޑައިގެންނެވީ ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފުރުސަތުތަކުގެ ބޭނުން ނުހިއްޕެވުން ކަމަށެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހިމަކީ ވަރަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި ގާނޫނު އަސާސީގައިވާ ގޮތަށް ރައްޔިތުންނަށް އަނިޔާވެރިނުވެ އަދުލު އިންސާފުން މަސއްކަތް ކުރެއްވުމަށް ތަކުރާރުކޮށް ސަރުކާރުގައި އެމަނިކުފާނު އެދިލެއްވި ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
"ގާސިމް އިބްރާހީމް ހައްޔަރުކުރި ނަމަވެސް އިދިކޮޅު ހަރަކާތް ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން މިކުރާ މަސައްކަތް ކުރާނަން. މިވަގުތު އެންމެ ބޮޑަށް ފޯކަސް މިކުރަނީ ގައުމު ހަމަމަގަށް އަޅުވާ ސަރުކާރު ޒިންމާދާރުކުރުން. އަޅުގަނޑުމެން ހަތަރު ލީޑަރުން އިންތިހާބަށް އެކަަކު ނެރެންޖެހޭ ކަމަށްވާނަމަ އެކަންވެސް ކުރާނެ. އެކަމަކު މިވަގުތު މިމަސައްކަތް ކުރަނީ މަޖިލީހުގެ ތެރެއިން މިސަރުކާރު ޖަވާބުދާރީ ކުރުވަން." އޭނާ ވިދާޅުވި އެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ ސިޔާސީ ހަރަކާތްތަށް ހިންގުމަށް ގާނޫނީ އިމުގެ ތެރެއިން ފުރުސަތު ދިނުމަށާއި ރައްޔިތުންނަށާއި ސިޔާސީ ބޭފުޅުންނަށް އނިޔާވެރި ނުވުމަށް ރައީސް ޔާމީނަށް ދަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ