މާލޭ ސިޓީގެ ދެކުނުގައި ސަރުކާރުން ހަދާފައިވާ ނެރު ބަންދުކޮށް އުޅަނދުތައް އަޅާނެ އެހެންތަނެއް ދެއްކުމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ގޮވާލައްވައިފިއެވެ.
ވީއެފްޕީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިފާ ވިދާޅުވީ އެ ނެރުން ލިބޭ ފަސޭހައަށް ވުރެ މިހާތަނަށް ރައްޔިތުންނަށް ލިބުނު ގެއްލުން ބޮޑު ކަމަށެވެ. ޝިފާ ވިދާޅުވީ ނެރުން ވަދެ ނުކުތުމުގައި ހުއްޓުމެއް ނެތި ހިންގަމުންދާ އެކިއެކި ހާދިސާތަކުގައި އެކި ފަރާތްތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވެ އެތައް ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށެވެ.
"މާލޭ ސިޓީގައި ސަރުކާރުން ބޭނުންހާ ކަމެއް ކުރަމުންދާ އިރު ރައްޔިތުންނާ މެދު ވިސްނާނުލާ. އަޅުގަނދު ގޮވާލަން. އެ ނެރު ބަންދުކޮށް އެހެން ގޮތެއް ހޯދާ ދިނުމަށް،" ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ އެސަރަހައްދުގައި ނެރު ނުހެދުމަށް ސިޓީ ކައުންސިލުން ކުރިން ވެސް ހައުސިން މިނިސްޓްރީއަށް ދަންނަވާފައިވާނެ ކަމަށެވެ. މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން އެތައް ހާދިސާތަކެއް ކުރިމަތިވަމުންދާ އިރު އެ ނެރުގެ ލައިޓުތައް ހަރުކޮށްފައި ހުންނަ ގޮތުން ވެސް ހާދިސާތައް ހިނގަން މެދުވެރިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ އެސަރަހައްދުގައި ނެރެއް ކަނޑާފައިވާ އިރު އެ ނޫން ހައްލުތައް ހޯދައިދެވެން އެބަހުރި ކަމަށެވެ.
"ކީއްވެތޯ ވިލިގިލި ނުވަތަ ހުޅުމާލެ ނުވަތަ ގުޅީފަޅުން އުޅަނދުތައް އަޅާފައި ބަހައްޓަން ފަހި ނުކޮށްދެވެންވީ. އެއީ ވަކި ޕްލޭންތަކެއްގެ ދަށުން ވިޔަފާރިއަށް ތަރައްގީ ކުރަމުންދާ ތަންތަން،" ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނެތް ނަމަވެސް ސަރުކާރުން ބޭނުންވާ ކަންކަން ހާސިލު ކުރުމަށް ސިޓީ ކައުންސިލުގެ ބަހެއް ނެތި ކަންކަން ނިންމަމުންދާތީ ކަންބޮދުވެވަޑައިގަންނަވާ ކަމަސެވެ.
"ބޭނުންހާ ކަމެއް ކުރުމަށް ކަންކަން ނިންމަމުންދާ އިރު ރައްޔިތުންނާ މެދު ވިސްނާނުލާތީ ކަންބޮޑުވޭ. ސިޓީ ކައުންސިލާ މަޝްވަރާއެއް ނުކުރޭ. އޭގެ މާނައަކީ ރައްޔިތުންނާ މަޝްވަރާ ކުރަން ބޭނުން ނުވަނީއޭ ދެއްތޯ،" ޝިފާ ވިދާޅުވިއެވެ.
ވޭތުވެ ދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެކުނު ނެރަށް ތިން އުޅަނދެއް އަރައި ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ.
ދެކުނު ނެރު ބަންދުކޮށް އެހެން ގޮތެއް ހޯދާ ދިނުމަށް މޭޔަރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ