ރައީސް ނަޝީދުގެ ވެރިކަމުގައި އެޅުއްވި އެންމެ ބޮޑު ޅައެއްޗަކީ އަބްދުﷲ ގާޒީ ނުވަތަ ގާޒީ އަބްދުﷲ މުހަންމަދު ސިފައިން ފޮނުވައިގެން ރޭގަނޑު ދަންވަރު ހައްޔަރުކުރުން ނުވަތަ އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ގޮތުންނަމަ، އަބްދުﷲ ގާޒީ ވަގަށް ނެންގެވުމެވެ. މިއަމަލު ރައީސް ނަޝީދު ހިންގެވީ ފާޅުގައި އެކަން އެގޮތަށް ކުރައްވާނެ ކަމުގެ އިޝާރާތެއްވެސް ކުރެއްވުމަށް ފަހުގައެވެ. ވަރަށް ފާޅުކަންބޮޑު ގޮތެއްގައެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރެއްވުމުގެ ކުރިން ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު މުޅި އުމުރަށް ހިތާމަ ކުރައްވާން ޖެހޭ ވަރުގެ ކަމެއް ކުރައްވަން އުޅުއްވާ ކަމަށެވެ. އެއަށްފަހު އަބްދުﷲ ގާޒީ ހައްޔަރު ކުރައްވައި އެކަހެރި ކުރެއްވުމަށްފަހު ވިދާޅުވީ އެކަން ކުރެއްވީ އޭރުގެ ހޯމް މިނިސްޓަރުގެ ލަފާގެ މަތީން ކަމަށެވެ. އަދި އަބްދުﷲ ގާޒީ އެކަހެރި ކުރައްވާފައިވާ ކަމަށާއި ދެން އޭގެފަހުން އަބްދުﷲ ގާޒީއަށް ކޯޓާއި ސަތޭކަ ފޫޓަށްވެސް ކައިރި ނުވެވޭނެ ކަމަށް ވަރަށް ސާފުކޮށް ތަކުރާރުކޮށް ނަޝީދު ވިދާޅުވިއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރީ ގާނޫނީ ހުކޫމަތުގެ ތެރެއިން މީހަކު ހައްޔަރު ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އެއްވެސް އިޖުރާޢަތެއް ފުރިހަމަ ނުކޮށެވެ. ގާނޫނު އަސާސީއާއި ގާނޫނު ތަކުގައި ބުނާ އެއްވެސް ކަމެއް ފުރިހަމަ ނުކޮށެވެ. މިއީ އެއްވެސް ބަހުސެއް އޮތް ކަމެއްނޫނެވެ. މިކަމަށް ހެކިދޭ އެތައް އެތައް ކަމެއް އޭރުގެ ފަތްފުށްތައް ނިއުޅައި ލުމުން މިހާރުވެސް ފެންނާން އެއޮތީއެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓު ނުވަތަ އެންމެ ފަހުބަސް ބުނާ ޝަރުޢީ މަރުހަލާގެ ކޯޓުން ވެސް މިކަންކަން ވަރަށް ރަނގަޅަށް ސާފުކޮށްދީފައި ވެއެވެ. އަދި ޝަރުއީ މަރުހަލާތައް ގިރާކޮށް ހައްޔަރުކޮށްފައިވާ އަބްދުﷲ ގާޒީ ދޫކޮށްލުމަށް ތަކުރާރުކޮށް ގޮވާލާފައިވެއެވެ. ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ހަމަ މި ބީދައިން ބުނަމުން ގެންދިޔައެވެ.
އޭރު އޮތް ރާއްޖޭގެ މަޝްރަހު ދިރާސާ ކުރައްވަމުން ގެންދިޔަ ބޭބޭފުޅުން ވިދާޅުވަމުން ގެންދެވީ ރައީސް ނަޝީދުގެ ވެރިކަން ތިން އަހަރާއި ދުވަސްކޮޅެއްގެ ތެރޭގައި ނިމުމަކަށް އައި އެންމެ ބޮޑު ސަބަބަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ މައްސަލަ ކަމަށެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން މިކަމާއި ދެކޮޅަށް މެދުނުކެނޑި މުޒާރާ ކުރަމުން ގެންދިޔައެވެ. ތިން ހަފުތާއަށް ދެމިގެންދިޔަ މި މުޒާހަރާގެ ނިމުން އައީ ނަޝީދުގެ އިސްތިއުފާއިންނެވެ. މުޒާހަރާ ލީޑް ކުރައްވަމުން ގެންދެވި ބޭފުޅުންގެ ތެރޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ގިނަ ބޭބޭފުޅުން ނުވަތަ އޭރުގެ ބަހުރުވައިންނަމަ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައި ހަރަކާތުގެ ބަޠަލުންގެ ގޮތުގައި އޭރު މެޑަލް ޖައްސަވައިގެން ތިއްބެވި ގިނަ ބޭފުޅުން މިހާރު ތިއްބެވީ ނަޝީދާއެކު ނަޝީދުގެ ފަހަތްޕުޅުގައެވެ.
މުޒާހަރާގެ ތެރޭގައި ޕިކަޕުގައި ހުންނަވައިގެން ނަޝީދަށް “ވެލިކާން” ދެއްވި އަހުމަދު ތަސްމީން ޢަލީ ހުންނެވީ ނަޝީދާއި އެކުގައެވެ. ތަސްމީނާއެކުގައި ތަސްމީންގެ ފަހަތްޕުޅުން ނަޝީދާ ދެކޮޅަށް ކެކިއަރައި ފުމެމުން ދިޔަ ބޭބޭފުޅުންވެސް ނަޝީދުގެ ފަސްބައިގައި ހިތްޕަވައިގެން ކަރުން ލޭނާރު ހިލޭ ވަރަށް އަނެއްކޮޅަށް އަޑުލަވަން ފެށީއެވެ. ނަޝީދު އިސްތިއުފާ ދެއްވައި ލިޔުއްވި ސިޓީ ބަލައިގަނެ އެކަން އެންމެ ފުރަތަމަ ގަބޫލުކުރައްވައި އޭރުގެ ނާއިބް ރައީސަށް ހުވާލައި ދެއްވުމުގައި އަވަސް އަރުވާލައިގެން އުޅުއްވި އަބްދުﷲ ޝާހިދު ވެސް ނަޝީދުގެ ވެރިކަން ވެއްޓުނުތާ މާ ގިނަދުވަސް ތަކެއް ނުވެ ނަޝީދުގެ ފަހަތްޕުޅަށް ވަދެ ވަޑައިގެންފިއެވެ. އަދި ނަޝީދު ލާދީނީ މީހަކަށް ހަދައިގެން އެކަން މުޅި ގައުމުގައި އިޢުލާން ކުރައްވަމުން ދުވެ ވަޑައިގެން ފުމެވަޑައިގެންނެވި ޝައިޚް އިމްރާންވެސް މެއެވެ. ޝައިޚް އިމްރާނަކީ އޭނާއާއެކު ނުކުންނެވި ދީނީ އެކުވެރިން ދޫކޮށްލައްވާފައި ނަޝީދާ ދެކޮޅަށް ނުކުމެ ވަޑައިގެން ދުވަހަކުވެސް ނަޝީދު ވެރިކަމަށް ނުގެނައުމަށް އެތައް އަހުދަކާއި ވަޢުދެއްވެ ވަޑައިގެން ހުންނެވި ވަރަށް ފާޑެއްގެ ސިޔާސީ ލީޑަރެކެވެ.
ދެން ދައްކާން އޮތީ މަހުޖަނު ގާސިމު އިބްރާހީމްގެ ވާހަކައެވެ. ސަރުކާރުގައި ފާޑަކަށް ހޭކިލާފައި ނުކެމެ ވަޑައިގެން މޫސުމީ ދޫންޏެއް ފަދައިން ނަޝީދާއެކު މަގުމައްޗަށް ނުކުމެވަޑައިގަންނަވައެވެ. އަދި އެންމެ ފަހުން މަހުޖަނުގެ ގޮނޑިކޮޅުން ސީދާ ޖަލުން ޓިކެޓް ލިބިވަޑައިގެން ޖަލަށް ވަޑައިގެންނެވި ބޭފުޅަކީ ވެސް ގާސިމް އިބްރާހީމެވެ. ދެން އޮތީ ކުރީގެ ސީޕީ އަބްދުﷲ ރިޔާޒުގެ ވާހަކައެވެ. ނަޝީދަށް ވީނުވީއެއް އެނގިވަޑައިނުގެންނެވި ކަމަށް ވިދާޅުވާ އިސްތިއުފާގެ ސިޓީ ނަޝީދު ލައްވާ ލިޔުއްވައިގެން އަވަސް އަރުވާލައިގެން ކޮޅުކޮޅު މައްޗަށް ދުވެ ވަޑައިގެންނެވި ބޭފުޅަކީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ކަމަށް ނަޝީދު ވިދާޅުވާތީ އަޑުއެހީމެވެ. ނަޝީދުގެ ވެރިކަން ނިމުމާއެކު މަގާމާއި ހަވާލުވެ ވަޑައިގެން ރަސްމީ ޔުނިފޯމްގައި އިންނަވައިގެން ފާޅުގައި ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އަބްދުﷲ ރިޔާޒްވެސް މިހާރު ހުންނެވީ ނަޝީދުގެ ފަރާތްޕުޅުން ހިތްވަރު ލިބިގަނެގެން ނަޝީދާއި އެކުގައެވެ.
ދެން އޮތީ މިތާގައި ކޮންމެހެން ދައްކައި ނުލައި ލިޔުން ފުރިހަމަ ނުވާނެ ބޭފުޅެއްގެ ވާހަކައެވެ. އެއީ ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި، ނަޝީދު ވިދާޅުވާ ޚުދުމުޚުތާރު، އަނިޔާވެރި، ލެއިން ތަތްތެޅިފައިވާ އަތުގެ ވެރިޔާ ރައީސް މައުމޫންގެ ވާހަކައެވެ. އޭރު އިދިކޮޅުގައި ތިއްބެވި ނަޝީދާއި ނަޝީދުގެ އެކުވެރިން ގަލަމާއި ދުލުން މައުމޫނާއި މައުމޫނުގެ އާއިލާ އިދިކޮޅަށް ހަންދަމަމުން ގެންދިޔައިރު މައުމޫނާއި މައުމޫނުގެ ބައިވެރިންވެސް އެންމެ ތަންފުކެއްވެސް ދުލެއް ނުދެއްވައެވެ. ނަޝީދާއި ދިމާއަށް ކިޔަން ފެންނަ އެއްޗެއް ދިޔައީ ކިޔަމުންނެވެ. ދެފަރާތުންމެ ދިޔައީ އަޑުއަހާން ތިބޭ ބަޔެއްގެ ހިތް ކުދިކުދިވާ ވަރަށް އަބުރު ކަތިލާ ކޮށާ ކުދި ކުރަމުންނެވެ. މިއީ ތަކުރާރުކޮށް ލިޔާވަރަށްވުރެ ސާފުކޮށް އެންމެންނަށް އެނގޭ ވާހަކައެކެވެ.
ކޮންމެއަކަސް އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ތަހުގީގުކޮށް ޝަރީއަތް ހިންގާ ނަޝީދަށް އެވަނީ ހުކުމް ކޮށްފައެވެ. މައްސަލަ ކޯޓުގައި ފައިސަލާކޮށް ނަޝީދުގެ މައްޗަށް 13 އަހަރުގެ ހުކުމެއް އައީ ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. މިހުކުމް މިގޮތަށް އައުމުގެ ތަންކޮޅެއް ކުރިއަށް ޖެހިލާ ތާރީޚު އިޢާދަކޮށްލަން މިއަދު މިވަނީ މަޖުބޫރުވެފައެވެ.
މިމައްސަލަ ފުރަތަމަ ކޯޓަށް ހުށައެޅުމުން ނަޝީދު އެކަމާ ޖޯކުވެސް ޖެއްސެވިއެވެ. މަޖާޒީ ގޮތަކަށް ބޭނުން ކުރެއްވި ޢިބާރާތްތަކެއް މިތާނަގައި ދަންނަވާލާ ނަމެވެ. ނަޝީދު ވިދާޅުވީ މައްސަލައަކީ ފަނޑިޔާރަކު ވަގަށްނެގި މައްސަލަ ކަމަށެވެ. ނަމަވެސް އޭރުގެ ޕްރޮސިއުކިއުޓަރ ޖެނެރަލް މި މައްސަލައިގައި ދަޢުވާ ކުރައްވާފައިވަނީ ބައިސްކަލް ބައްތިއެއް ވަގަށް ނަގައިގެން ކުރާ ދަޢުވާ ކަމަށެވެ. މިމައްސަލަ ނިމިގެން އަންނާނެ ހުކުމުގެ ވާހަކަވެސް ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވިއެވެ.
ނަމަވެސް ފަހުން ވަޑައިގެންނެވި ޕީޖީ ދައުވާ އުފުއްލެވީ ނަޝީދު އެވިދާޅުވި ގޮތަށް، ކުށެއް ނުކުރާ މީހަކު ހިފާ ހައްޔަރު ކުރުމުގެ ދައުވާއެވެ. މިދަޢުވާ ކޯޓުން ފައިސަލާކޮށް ނިމުނުއިރު ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެފައެވެ. ނަޝީދު ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވަނީ ޖަލުގައެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގައި ނަޝީދު މާގިނަ ދުވަސްތަކެއް ހޭދައެއް ނުކުރައްވައެވެ. ސިއްހީ ހާލުކޮޅު ގޯސްވެގެން ބޭރަށް ވަޑައިގެންނެވީއެވެ. ނަޝީދު ބޭސްފަރުވާ ކުރައްވަން ގަސްތު ކުރެއްވީ އިނގިރޭސި ވިލާތުންނެވެ. އިނގިރޭސިންގެ އަތު ޖެހުމާއެކު ނަޝީދުގެ ރަށްވެހިކަން ބަދަލު ކުރައްވައި ރާއްޖެ ނުގެނެވޭ ގޮތަށް ހިމާޔަތް ދެއްވީއެވެ.
މިކަން ހިނގާދިޔަ ގޮތެއް، ވީއެއް ނުވީއެއް މިހާތަނަށް އޮތީ އޮޅިފައެވެ. ނަމަވެސް އިހަށް ދުވަހަކު ނަޝީދު އިންޑިޔާއަށް ވަޑައިގެންފައި އެވިދާޅުވި ބަސްފުޅުން މިކަން ހިނގާދިޔަ ގޮތުގެ ހަގީގަތް ހާމަވެ ސާފުވެ އޮޅުންފިލައިފިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ނަޝީދު ޖަލުން ނެރެގެން ބޭރަށް ގެންދިއުމުގައި އެހީތެރިވި ފަރާތަކީ އަވަށްޓެރި އިންޑިޔާއެވެ. އިންޑިޔާއިން ވެދެއްވި މިއެހީއަށް ނަޝީދު ޝުކުރު އަދާ ކުރެއްވިއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރެއްވީ ގާނޫނާ ޚިލާފަށް ކަމުގައި ފުރަތަމަ ފަހަރަށް ބޭރު ދުނިޔޭގެ ކުރިމަތީގައި އެއްބަސްވެ ވަޑައިގެންނެވީވެސް މި ދަތުރުފުޅުގައެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރުމަށް ފަނޑިޔާރުން ހައްޔަރުކޮށް އެކަހެރި ކުރެއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައިވެސް އިޢުތިރާފުވެ ވަޑައިގެންނެވިއެވެ. މިއަދު ރަނގަޅަށް ވިސްނާ ފިކުރު ހިންގާއިރު ނަޝީދުގެ މައްޗަށް ކުރެވުނު ދައުވާއަކީވެސް ޝަރީއަތަކީވެސް މިއީއެވެ. އަދި ފަނޑިޔާރުގެ ފައިސަލާއައީވެސް މި އިޢުތިރާފުގެ މައްޗަށެވެ. މިދަންނަވަނީ ކޯޓުގައި ކުރެވުނު ޝަރީޢަތުގައި މިފަދައިން ނަޝީދު އިޢުތިރާފުވެ ވަޑައިގެންފައިވާ ވާހަކައެއް ނޫނެވެ.
ހުކުމަށްފަހު ނަޝީދު ވިދާޅުވަމުން ގެންދެވީ ނަޝީދުގެ މައްޗަށް ކުރެވުނު ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ. ޝަރީއަތް ހިނގާ ދިޔައީ ރަނގަޅަށް ނޫންކަމަށެވެ. ނަޝީދުގެ މައްސަލައިގައި ވާހަކަ ދައްކާ ބޭރުގެ ފަރާތްތަކުންވެސް ދެކެނީ މިގޮތަށެވެ. ނަޝީދަކީ ކުށްވެރިއެއް ކަމަކަށް އެމީހުން ގަބޫލެއް ނުކުރެއެވެ. ފަނޑިޔާރުގެ ނިންމުން ބަލައެއް ނުގަނެއެވެ. ކޯޓުގެ ފައިސަލާ ވެސް މުޅިން ގޯހެވެ. އެކަމަކު މިއަދު ނަޝީދު މިވަނީ އަމިއްލަފުޅަށް ބައިނަލްއަޤްވާމީ މީޑިޔާގައި ފަނޑިޔާރަކު ގާނޫނާ ޚިލާފަށް ހައްޔަރު ކުރެވުނު ކަމަށް އިޢުތިރާފުވެ ވަޑައިގެންފައެވެ. އެކަން ކުރެއްވުނީ ރަނގަޅަށް ނޫންކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. އެހެން ވެއްޖެނަމަ ނަޝީދު ޖަލުން ނެރެގެން ގެންދިއުމުގައި އެހީތެރިވެދިން އިންޑިޔާއިން ދެން ބުނާނީ ކީކޭބާއެވެ؟ ނަޝީދަށް ހިމާޔަތްދީގެން ނަޝީދު ބަލަހައްޓަމުން ގެންދާ އިނގިރޭސި ވިލާތުން ދެން ބުނާނީ ކީކޭބާއެވެ؟ ނަޝީދުގެ ބައިނަލްއަޤްވާމީ ލޯޔަރުން ދެން ދައްކާނީ ކޮން ވާހަކައެއް ބާވައެވެ؟ މިވާހަކަ ބޭރު ދުނިޔޭގައި މިއަދު ނަޝީދު ދެއްކެވީ ކީއްވެގެން ބާވައެވެ؟ މިހިރީ ހައްތާވެސް އުފެދޭ ސުވާލެވެ. ކޮންމެވެސް ހިސާބަކުން ޖަވާބު ލިވޭނެ ސުވާލެވެ.
އަބްދުﷲ ގާޒީގެ މައްސަލައިގައި ނަޝީދުގެ އިޢުތިރާފަށްފަހު ބޭރުދުނިޔެއިން ބުނާނީ ކީކޭ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ