\"ރައްޔިތުން އެތިބީ ރޮއިރޮއި ހޭރިހޭރި\"

ރާއްޖޭގެ ރައްޔިތުން ތިބީ ރޮއިރޮއި ހޭރިހޭރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރ އަހުމަދު މޫސަ ވިދާޅުވެއްޖެއެވެ.
ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ އަހުމަދު މޫސަ ވިދާޅުވީ ރައްޔިތުން ރޮއިރޮއި ހޭރިހޭރި ތިބި ނަމަވެސް އެކަން ދަންނަ ބޭފުޅަކު ނެތް ކަމަށާއި އަދި ދެކޭ ބޭފުޅަކުވެސް ނެތް ކަމަށެވެ.
މަގާމަށް އެރުމާއެކު ރައްޔިތުންގެ މަތިން ހަނދާން ނުހުންނަކަމަށާއި އަދި ރައްޔިތުންގެ މަންދޫބުންގެ މަތިން ހަނދާން ނެތިގެންދާކަމަށް، ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރެންދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރީ ސަރުކާރުގައިވެސް ވަކާލާތުކުރަމުންދިޔައީ ހަމަ މިބީދައިން. މިހާރުވެސް އަނެއްކާ މިއޮތީ ހަމަ މިބީދައިން ވަކާލާތުކުރަން ޖެހިފައި. ސަރުކާރު ބަދަލުވެގެންދިޔައިރު އަޅުގަނޑުމެން ހީކުރިން ވަރަށް ރަނގަޅަށް ހިދުމަތްތަކެއް ލިބޭނެކަމަށް. އެކަމަކު ކިހިނެއްތޯވީ،" ފުލުހުންގެ އިސް ބޭފުޅުން ފޯނު ނުނަންގަވާ މައްސަލަ ފާހަގަ ކުރައްވަމުން އަހުމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިވެރިކަމަށްވީ ފަހުންވެސް ދިމާވާ އެކިއެކި ކަންތައްތައް ފުލުހުންގެ މުއައްސަސާއާ ހިއްސާކުރަމުން އަންނަކަމަށާއި ނަމަވެސް ފުލުހުންގެ އިސްވެރިން ފޯނު ނުނަންގަވާތީ ހިތާމަކުރައްވާކަމަށެވެ. އަދި ފުލުހުންގެ އިސްވެރިންގެ އެ އަމަލުގެ ސަބަބުން އެ ބޭފުޅުންގެ ހިންގުންތެރިކަމާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
"ކާށިބަހާ ބީދައިން ސަރުކާރު އޮތީ ބަހާލާފައި. އެކި ޕާޓީތަކަށް އެކި ވަޒީފާތައް ދެވިފައި. އެހެންވީމަ ކޮންމެ ޕާޓީއެއްވެސް ހިންގަނީ ސަރުކާރުން. އަށް ސަރުކާރު އެބައޮތް މިރާއްޖޭގައި. ދެން ކިހިނެއްތޯ އަދުލުއިންސާފު ގާއިމުކުރާ ވާހަކަ ދައްކަނީ،" އަފްރާޝީމުގެ މަރުގެ މައްސަލައާގުޅިގެން ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވިއެވެ.
އަފްރާޝީމު އަވަހާރާކޮށްލި ފަހުން ބޭއްވި ފުރަތަމަ ޖަލްސާގައި އޭނާ ވިދާޅުވީ އެގޮތަށް ކަންތައްތައް ހުރިއިރު ރައްޔިތުންނަށް ހިދުމަތްދޭނެގޮތަކާމެދު ސުވާލު އުފެދޭކަމަށެވެ. އަދި ކުށުގެ ވެށިން ސަލާމަތްވާނެގޮތަކާމެދު ސުވާލު އުފެދޭކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ