އޮޑިޓް ރިޕޯޓާއި ގުޅިގެން ޑރ ޝަހީދު މަގާމުން ދުރުކުރުމަށް ގަރާރެއް!

ފޮރިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން އދ އިން އީރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ ރެޕެޓްއަރ އަދި ކުރީގެ ފޮރިން މިނިސްޓަރ ޑރ އަހުމަދު ޝަހީދު މަގާމުން ވަކިކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވައްދައިފިއެވެ.
ރެޕެޓްއަރގެ މަގާމުން ޝަހީދު ވަކިކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރު ހުށައެޅުއްވީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
ވަކިބަޔަކަށް ފައިދާއާ މަންފާ ހޯދައިދިނުމަށް ފޮރިން މިނިސްޓްރީގެ އިސްވެރިންތަކެއް ގަސްތުގައި ގިނަ ހަރަދުތަކެއްކޮށްފައިވާ ކަމަށާއި އެކަމަކީ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާކަމަށާއި އޭރު ފޮރިންމިނިސްޓަރަކަށް ހުންނެވީ ޑރ ޝަހީދުކަމަށް ރިޔާޒްގެ ގަރާރުގައި ބުނެފައިވެއެވެ.
އަދި 2010 ވަނަ ބޭރުގައި ހުންނަ ރާއްޖޭގެ މިޝަންތަކަށް ހަރަދުކުރި 88.5 މިލިއަން ރުފިޔާގެ ތަފުސީލެއް ފޮރިން މިނިސްޓަރީގައި ނެތް ކަމަށް އޮޑިޓާ ޖެނަރަލްގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވާކަމަށްވެސް ރިޔާޒް މަޖިލީހަށް ހުށައެޅުއްވި ގަރާރުގައިވެއެވެ.
2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ޑރ ޝަހީދުގެ މައްޗަށް ފިޔަވަޅު އެޅުމަށް މަޖިލީހށް ގަރާރެއް ވެއްދިއިރު ޑރ ޝަހީދު ކުރިން ވިދާޅުވެފައިވަނީ ފޮރިންމިނިސްޓްރީގެ އޮޑިޓް ރިޕޯޓަކީ ޒާތީ ރިޕޯޓެއްކަމުގައެވެ. އަދި 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްކަމަށް ބުނެފައިވީނަމަވެސް އެރިޕޯޓްގައި އޭގެ ކުރީއަހަރުތަކުގެ މުއާމަލާތުތައްވެސް ހިމަނާފައިވަކަމަށް ޝަހީދު ކުރިންވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ