މައުމޫން ހަމީދަށް ވޯޓު ދިނުމަށް މައުމޫން އެދިވަޑައިގެންފި
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުގައި މައުމޫން ހަމީދަށް ތާއީދު ކުރެއްވުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ކިބައިން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އެދިވަޑައިގެންފި އެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް މައުމޫން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ޕީޖީ ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ގޮތަށް މައުމޫން ހަމީދަށް ވޯޓު ދެއްވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި ޕީޖީ ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ބޭނުންފުޅު ވަނީ މައުމޫން ހަމީދު ކަމަށް، ޕީޕީއެމްގެ އާންމު ރެލީއެއްގައި ވިދާޅުވެފައިވެ އެވެ. އަދި ޕީޕީއެމްގެ ރަސްމީ ވައިބާ ގުރޫޕްގައި ވެސް ރައީސް ޔާމީން އެގޮތަށް މެސެޖް ކުރައްވާފައިވާ ކަމަށް މައުމޫންގެ ސިޓީފުޅުގައިވެ އެވެ. "އެހެންކަމުން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އަށް މި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ އެންމެހައި މެމްބަރުންގެ ފުރިހަމަ އެއްބާރުލެއްވުމާއި، ތާއީދު އަބަދުމެ ދެއްވުމަށާއި އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ސިޓީގައި ދަންނަވާފައިވާ ގޮތުގެ މަތިން އަމަލު ކުރެއްވުމަށް ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ތިޔަ ހުރިހާ މެމްބަރުންގެ އަރިހުގައި ދެންނެވީމެވެ،" ރައީސް ޔާމީނަށް ކޮޕީ ކުރައްވާފައިވާ ސިޓީފުޅުގައި މައުމޫން ވިދާޅުވި އެވެ. ޕީޖީ އަކު އައްޔަން ކުރެއްވުމުގައި ވަކި ގޮތަކަށް އަމަލު ކޮށްދެއްވުމަށް މައުމޫން އެދިވަޑައިގަތަސް އެއާ މެދު ގޮތެއް ނިންމާނީ މާދަމާ މެންދުރު އެކެއް ޖަހާއިރު ބާއްވާ ޕީޕީއެެމްގެ ޕީޖީގެ ބައްދަލުވުމުގައި ކަމަށް "ހަވީރަ"ށް ވަނީ އެނގިފަ އެވެ. ޕީޖީ ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އެމަނިކުފާނަށާއި މައުމޫނަށް ވެސް ބޮޑު ބޭބެ ވިދާޅުވާ މައުމޫން ހަމީދުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް މުހުސިންގެ ނަމެވެ. އެ ދެ ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ނުފެންނަ ކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެއީ 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިނުގަތުމުންނެވެ. މުހުތާޒަށް 67 ޕޮއިންޓް ލިބިވަޑައިގަތް އިރު، މައުމޫނަށް ލިބިވަޑައިގަތީ 33 ޕޮއިންޓެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީގެ މެމްބަރުން އެ ދެ ބޭފުޅުންނަށް އެއްވެސް މާކްސްއެއް ނުދެއްވަ އެވެ. ކޮމިޓީން ރުހުން ނުލިބުނަސް، މަޖިލީހުގެ ތަޅުމުން ފާސްކުރާ ބޭފުޅަކު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވޭނެ އެވެ. މައުމޫން ހަމީދަށް ވޯޓު ދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އެދިވަޑައިގެންނެވިއިރު ސަރުކާރު ހިންގާ ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައުމޫނ ް ހަމީދަށް ރުހުން ނުލި ބުނު މައްސަލަ ބެލުމަށް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ