ޝާހިދުގެ ފޯމް ބަލައިގަތުމުން އެމްޑީއޭއިން ފާޑު ކިޔައިފި

އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް ފޯމްތައް ޕްރޮސެސް ކުރުން ހުއްޓާލަފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޕާޓި ބަދަލު ކުރެއްވި ފޯމް ޕްރޮސެސް ކުރެއްވި މައްސަލައިގައި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ފާޑު ކިޔައިފިއެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ފޯމްތައް ބަލައިގަތުމާއި ޕްރޮސެސްކުރުން ހުއްޓާލާފައިވާ ވަގުތެއްގައި މަޖިލީހުގެ ރައީސް ޕާޓީ ބަދަލު ކުރެއްވުމުން އެމަނިކުފާނުގެ ފޯމް ޕްރޮސެސް ކޮށްދިން މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުގެ ޒިންމާދާރު ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އަދި މަޖިލީހުގެ ރައީސްގެ ފޯމް އިލެކްޝަނުން ޕްރޮސެސް ކޮށް މަޖިލީހުގެ ރައީސް ޕާޓީ ބަދަލުކުރައްވާފައިވާ ކަން މަޖިލީހުގެ ތަޅުމުގައި އިއުލާނުކޮށްފައިވަނީ މަޖިލީހުގެ ޤަވައިދުގެ 29 ވަނަ މާއްދާއާއި ޚިލާފަށް ކަން ހާމަކުރައްވާ އާމިރު ވަނީ އިލެކްޝަނުން ވަކި ފަރާތްތަކަށް އިސްކަންދޭކަމަށް ތުހުމަތު ކުރައްވާފައެވެ.
އާމިރު ވިދާޅުވީ ކުރިމަތީގައި މުހިއްމު އިންތިޚާބުތަކެއް އޮތްއިރު، އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކުން މިހާރަށްވުރެ ޒިންމާދާރުވާން ޖެހިފައިވާ ކަމަށެވެ.
އެނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް އެތައް ކަންތައް ތަކެއް ހިގަމުންދާ ކަމަށާ އެކަންކަން ރަގަޅު ކުރުމަށް މަސައްކަތް ކުރުމަކީ މެންބަރުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގައި ހުރި މައްސަލަތަކެއް ސުޕްރީމް ކޯޓަށް ހުށަހެޅުމާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރެއްގައި އެއްވެސް ސިޔާސީ ޕާޓީ އެއް އުވޭފަދަ އަމަލެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އެކޮމިޝަނުން ވަނީ ސިޔާސީ ޕާޓީ ތަކުގެ މެންބަޝިޕް ފޯމްތައް ޕްރޮސެސް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.
ނަމަވެސް މިމުއްދަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އެމްޑީޕީ ދޫކުރައްވާ ޑީއާރުޕީއަށް ބަދަލުވެވަޑައިގެންފައިވާ ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީއަށް ބަދަލުވެވަޑައިގެންފައިވާ ކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާނުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު މިއަދު މީޑިއާގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ފޯމްތައް ބަލައި ނުގަތުމަށާއި، ޕްރޮސެސް ނުކުރުމަށް ނިންމާފައިވާ ނިންމުމާ ޚިލާފަށް ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފޯމްތައް ޕްރޮސެސް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ