އިތުބާރު ދެމެހެއްޓުމަށް ޝަރީއަތްތައް އަވަސް ކުރަން ޖެހޭ: ޖޭއެސްސީގެ ރައީސް

ޝަރުއީ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ޝަރީއަތްތައް ނިންމުން އަވަސް ކުރުމަށާއި ފަންނީ ގޮތުން ފެންވަރު ރަނގަޅު ގޮތެއްގައި ޝަރީއަތްތައް ނިންމުމަށް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ. އިދާރީ ހިންގުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މެޖިސްޓްރޭޓް ކޯޓުތަކުގެ ގާޒީންނާއި ބައެއް އިދާރީ މުވައްޒަފުންނަށް ބޭއްވި މަސައްކަތު ބައްދަލުވުމެއް އިފްތިތާހް ކޮށްދެއްވަމުން އާދަމް މުހައްމަދު ވިދާޅުވީ ޝަރުއީ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް ޝަރީއަތްތައް ނިންމުން އަވަސް ކުރުން މުހިންމު ނަމަވެސް، އެކަން ކުރުމަށް ކަމާ ގުޅޭ އެހެން ދާއިރާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ އަދުލު އިންސާފު މުސްތަގިއްލު ކަމާ އެކު ގާއިމު ކުރުމަށް، ޝަރުއީ ދާއިރާގައި ހިމެނޭ މުހިންމު މުއައްސަސާތަކުގެ އިތުރުން، ދައުލަތުގެ އެހެން މުއައްސަސާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ގާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ޝަރީއަތްތަކުގެ ނިންމުންތައް އަވަސް ކުރެވޭނީ ގާނޫނު އަސާސީއާ އެއް ގޮތަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން ކަމަށް ވިދާޅުވި އެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ އިދާރީ ހިންގުމާ ބެހޭ ބައްދަލުވުމުގައި ބައިވެރިވާ ބައެއް ގާޒީންނާއި، އިދާރީ މީހުން މިއަދު ބައްދަލުވުމުގައި. ވިލިމާލޭގައި ހުންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިން ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ އަދުލު އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތު މިހާރު ވަނީ ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޒަމާނަށް އަންނަ ބަދަލުތަކާއި ގޮން ޖެހުންތައް ކަޑައްތު ކުރުމަށް، އެންމެ އަދުލުވެރިކަމާއެކު އިންސާފު ގާއިމު ކުރެވޭނެ ގޮތްތައް ކަމާ ބެހޭ އިދާރާތަކުން ކަނޑައަޅަން ޖެހިފައިވާ ކަމަށް ވެސް އާދަމް މުހައްމަދު ވިދާޅުވި އެވެ. ޖުމުލަ 37 މީހުން ބައިވެރިވި އެ ބައްދަލުވުމަކީ، މެޖިސްޓްރޭޓް ކޯޓުތަކާއި ދަށު ކޯޓުތައް ހިންގުމުގައި އިދާރީ ގޮތުން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އިދާރީ ހިންގުން އަވަސްކޮށް ހަރުދަނާ ކޮށް އަދި އެ ޑިޕާޓްމެންޓުން ކޯޓުތަކުގައި ހިންގަމުން އަންނަ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ