އެމްޑީޕީގެ މާލޭ ދެ ދާއިރާއެއްގެ ރައީސުންނަށް ތަސްމީނާއި ވިސާމް އިންތިހާބުކޮށްފި

އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި، ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ އާއި އޭނާގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު ވިސާމް އަލީ، މާލޭގެ ދެ ދާއިރާއެއްގެ ރައީސް ކަމަށް އިންތިހާބުކޮށްފި އެވެ. މާލޭ ސިޓީ ހޯލުގައި ބޭއްވި އިންތިހާބުގައި، މެދު ހެންވޭރު ދާއިރާގެ ރައީސަކަށް ތަސްމީން ހޮވިވަޑައިގެންފައިވާ އިރު ވިސާމް ހޮވިވަޑައިގެންނެވީ ހެންވޭރު އުތުރު ދާއިރާގެ ރައީސް ކަމަށެވެ. މިދިޔަ މަހުގެ 22 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތަސްމީނާއި ވިސާމް ވާދަކުރައްވި ނަމަވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ. އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި މީހަކު ވޯޓުލަނީ. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް އިއްޔެ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ނުވަ ދާއިރާގެ އިންތިހާބުގެ ތެރެއން މާލޭ ސިޓީގެ ރައީސް ކަމަށް ހޮވިވަޑައިގަތީ ރާއްޖެ ޓީވީގެ ސީއީއޯ، އަކްރަމް ކަމާލުއްދީނެވެ. މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ އަހުމަދު ޒަމީރެވެ. މާފަންނު ދެކުނު ދާއިރާ އަށް އާދަމް އަލީ ހޮވިފައިވާ އިރު ކެލާ ދާއިރާ އަށް އިންތިހާބުކޮށްފައި ވަނީ އިބްރާހިމް ޝަރީފެވެ. ދިއްދޫ ދާއިރާ އަށް އިންތިހާބުކޮށްފައި ވަނީ އަބްދުލް ހަމީދު އީސާ އެވެ. އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެމްބަރު އަލީ ނިޒާމް ވިދާޅުވީ މިއަދު 11 ދާއިރާގެ އިންތިހާބު އޮންނާނެ ކަމަށެވެ. އަދި މާދަމާ ވެސް ބައެއް ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ފަހު، އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސާއި އަންހެނުންގެ ރޫހުގެ ރައީސަކު ހޮވުން އޮންނާނީ އަންނަ މަހު ނުވައެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ތަސްމީނާއި ވިސާމްގެ އިތުރުން ވެސް މަޖިލީހުގެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ބައެއް މެމްބަރުން ވަނީ އެމްޑީޕީގެ ދާއިރާތަކުގެ ރައީސް ކަމަށް ކުރިމަތިލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ