މަޖިލިސް ނޫންތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތެއް ނުހިނގާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ހަރަކާތްތައް ހިންގުމަށް ރައްޔިތުން އިންތިހާބް ކޮށްފައިވާ މެމްބަރުން ތިބޭ ތަނަށްވާއިރު، އިދިކޮޅު މެމްބަރުންވެސް މަޖިލީހަށް ވަޑައިގެން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެންބަރުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެންފިއެވެ.
ނަޝީދު މިހެން ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަމުން ދިއުމާ ގުޅިގެންނެވެ. އިދިކޮޅުން ޖަލްސާތައް ބޮއިކޮޓް ކުރީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިދިޔަ މަހު އެއްވަނަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތެރޭ ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އަނިޔާ ކުރި ކަމަށް ބުނެއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަކީ ސިޔާސީ ހަރަކާތް ހިންގުމަށް އޮތް އެންމެ ބޮޑު އެއް މުވައްސަސާކަމަށެވެ. މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން ޖަލްސާތަކަށް ވަޑައިނުގަނެ، ގޭގައި ތިއްބެވުމަކީ ޒިންމާދާރުކަމެއް ނޫންކަމަށާއި މަޖިލީހަކީ ސިޔާސީ ގޮތުން ދިމާވާކަންކަމުގައި ބަހުސްތަކާއި، ޒުވާބުތަކާއިއެކުގައިވެސް ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަންކަން ނިންމަމުންދާ ތަނެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"ވާދަވެރިންގެ ކިބައިން އަނެއްކާ ވެސް އަޅުގަނޑު އެދެން ބޭނުން، މި މަޖިލީހަށް ވަޑައިގަންނަވާ، މި މަޖިލީހުގައި ނޫން ތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތް ނުހިނގާނެ. ތިޔަބޭފުޅުން ސިޔާސީ ސުލްހަވެރި ހަރަކާތުގައި ބައިވެރިވަޑައިގަންނަވަން އެދިވަޑައިގަންނާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލާގައި އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި ޖަލްސާގައި ބައިވެރިވުން ހުއްޓާލީ ސަލާމަތާއި ރައްކާތެރިކަން ލިބޭނެ ކަަން ކަށަވަރު ކުރެވެން ނެތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ