ރައްޔިތުންގެ ނިންމުމާއެކު މުއައްސަސާތައް އިންސާފުގެ މަގަށް އަތުވެއްޖެ: ގާސިމް

ދިވެހި ރައްޔިތުން ރިޔާސީ އިންތިހާބުގައި ނިންމި ނިންމުމުގެ ސަބަބުން ދައުލަތުގެ ހުރިހާ މުއައްސަސާއަކުން އަދުލު އިންސާފްގެ މަގަށް ރުޖޫއަވެފައިވާ ކަން މިއަދު އެނގިގެންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާކުރި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ އެމަނިކުފާނު ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލްކުރުމާ ގުޅިގެން ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މިއަދު ފެނިގެން މިދިޔައީ އިންސާފު ހޯދުމަށާއި އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ދިވެހި ރައްޔިތުން އިންސާފުގެ ދަތުރަށް އަރާ ތިބި ކަމުގެ ހެއްކެއް ކަމަށެވެ.
ގާސިމް އިބްރާހީމް ދިވެހިރާއްޖޭގައި އަދުލު އިންސާފު އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ. އަދި މިއަދު މުއައްސަސާތަކަށް މިއައި ބަދަލު މިއައީ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ނިންމި ނިންމުމުގެ ސަބަބުން ކަމަށެވެ.
"ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާނެ ބޭފުޅަކު ހޯދުމަށްޓަކައި ނެގުނު ވޯޓުގައި ނަތީޖާއިން ރައްޔިތުން މިވަނީ [މިހާރުގެ ވެރިކަން] ބޮޑުތަނުން ބަދަލުކުރައްވާފައި. އެބަދަލުކުރެއްވީ އާދެ އަޅުގަނޑުމެންގެ ކެންޑިޑޭޓް ނަންބަރު ދޭއް އިބްރާހީމް މުހައްމަދު ސޯލިހް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް، ފައިސަލް ނަސީމް ރަނިންމޭޓަކަށް ހުންނަވައިގެން ހޮވިވަޑައިގަތުމާ ގުޅިގެން މިހުރިހާ މުއައްސަސާތަކަކުން އިންސާފުގެ މަގަށް އަޅުގަނޑުމެން މިކުރި ދަތުރު އެބޭފުޅުން ހަމަ ފުރިހަމައަށް އަރާވަޑައިގެންފިކަން އަޅުގަނޑުމެންނަށް މިއެނގެނީ. ހުރިހާ ކޯޓުތަކުން ވެސް އެހެން މުއައްސަސާތަކުން ވެސް. އެކަމަށްޓަކައި އަޅުގަނޑުމެން ރައްޔިތުންނަށް ލިބިފައިވާ ހިތްހަމަޖެހުމާ އުފާވެރިކަން އަޅުގަނޑުމެން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން ފާހަގަކުރަން އެބަޖެހޭ،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން އެެމަނިކުފާނު ޖަލަށްލުމަށް ހުކުމްކުރުމާ ގުޅިގެން ސިއްހީ ފަރުވާއަށް ސިންގަޕޫރަށް އަދި އޭގެ ފަހުން ޖަރުމަނަށް ވަޑައިގެންނެވީ އެ ގައުމުތަކުގެ ސަރުކާރުން އެމަނިކުފާނުގެ އިންސާނީ ހައްގުތަކަށް ބަލައި ހަމަަޖައްސައިން އިންތިޒާމުތަކެއްގެ ތެރެއިން ކަމަށްވެސް ގާސިމް އިބްރާހީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ބޭސް ފަރުވާގައި ހުންނަވަނިކޮށް ރާއްޖެ ވަޑައިގަތުމަށް މުއައްސަސާތަކުން އަންގަމުން ދިއުމާ ގުޅިގެން ރާއްޖެ ވަޑައިގަތުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ފްލައިޓްގައި ދަތުރުކުރެއްވުމަށް އެެއާލައިންތަކުގެ ހުއްދަ ނުލިބުނު ކަމަަށެވެ. އެންމެފަހުން ރާއްޖެ ވަޑައިގެންނެވީ އެމަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ ގާނޫނުތައް ހަމަޖެހިފައިވާ ގޮތުން ހައިކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނީ އެމަނިކުފާނު ހާޒިރުވެގެން ކަމަށް ހައިކޯޓުން އެންގުމުންނާއި، ބޭސް ފަރުވާގެ އިންތިޒާމުތައް އެވަގުތަށް ނިމުމުން ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
ގާސިމް އިބްރާހީމް ވަނީ އެމަނިކުފާނަށް މިދިޔަ ދުވަސްތަކުގައި ކުރިމަތިވި އުދަގޫ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ގާނޫނީ ވަކީލުންނަށާއި އެމަނިކުފާނު އަނބިންނާއި އެމަނިކުފާނުގެ ބޭފުޅުން ދެއްކެވި ކެތްތެރިކަމާއި ހެޔޮއެދޭ ފަރާތްތަކުން ދެއްވި ހިތްވަރަށް އެހުރިހާ ފަރާތްތަކަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.
ގާސިމް އިބްރާހީމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކުރުމާ ގުޅިގެން ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އައިޝަތު ނަހްލާ ވިދާޅުވީ މިއަދު ފެނިގެން މިދިޔައީ އަނިޔާވެެރިކަމުގައި ނުހައްގުން ކުރެވުނު ހުކުމަށް އިންސާފު ލިބެގެން ދިޔަ މަންޒަރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ