ދިރާގުގެ އައިޕީއޯ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

ދިރާގުގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިން ހިއްސާ ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް"އައިޕީއޯ" ކަލެކްޝަން ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވައިފި އެވެ.
އައިޕީއޯ ނުވަތަ އިނީޝަލް ޕަބްލިކް އޮފަރިން ކަލެކްޝަން ސެންޓަރުގެ ނަމުގައި ދިރާގުން މިއަދު ހުޅުވި އެ ސެންޓަރު ގާއިމްކޮށްފައި ހުރީ ޗާނދަނީމަގުގައި ހުންނަ ގައުމީ ދާރުލްއާސާރު ކުރިމަތީގަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން މިއަދު ހުޅުވި އައިޕީއޯ ކަލެކްޝަން ސެންޓަރަކީ ދިރާގުން ހިއްސާ ބައްލަވައިގަތުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފަސޭހަ އަކަށް ގާއިމް ކުރި ސެންޓަރެއް ކަމަށެވެ. އަދި މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހާ ހަމަޔަށް ހިއްސާ ގަތުމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި ބަލައިގަތުން އެ ސެންޓަރުގައި ކުރިއަށްދާނެ ކަމަށެވެ.
ދިރާގުގެ އައިޕީއޯ ކަލެކްޝަން ސެންޓަރު ހުޅުވިފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 10އަކުން ހަވީރު ފަހެއް ޖަހަން ދެނެވެ. އަދި ރޭގަނޑު އަށަކުން ފެށިގެން ރޭގަނޑު 11އަށެވެ. އެހެންނަމަވެސް ބޮޑު އީދާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި އެ ސެންޓަރުން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު އަންނާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނީ މިއަދު ހުޅުވި އައިޕީއޯ ކަލެކްޝަން ސެންޓަރުގެ އިތުރުން ބޭންކް އޮފް މޯލްޑިވެސްގެ ހުރިހާ ބްރާންޗްތަކުން ވެސް އެ ކުންފުނިން ހިއްސާ ބަލައިގަތުމަށް ހުށަހަޅާ ފޯމްތައް ބަލައިގަންނާނެ ކަމަށެވެ.
ސަރުކާރުން 48 ޕަސެންޓް ހިއްސާވާ އެކުންފުނި ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރިކަން އިއުލާން ކުރީ މިމަހުގެ ތިން ވަނަ ދުވަހުގަ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން އެކުންފުނީގެ 11.4 މިލިއަން ހިއްސާ 80ރ ގެ ރޭޓުން ވިއްކަން ނިންމާފައިވާ ކަމަށް ދިރާގުން ވަނީ އިއުލާން ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ