މާތްﷲ ހަރަމް ކުރައްވާފައިވާ ކަންތައްތަކަށް އަރައިނުގަނެ، ޤައުމީ އަދި އިޖްތިމާޢީ މުނާސަބަތުތައް ފާހަގަކުރުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މި ވަނީ، މިރޭ މީލާދީ އައު އަހަރު ފަށާތީ، އެކަން ފާހަގަ ކުރުމަށްޓަކައި އެތައް ބަޔަކު ތައްޔާރުވަމުން ގެންދާ ދަނޑިވަޅެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ، ޤައުމީ އަދި އިޖްތިމާޢީ މުނާސަބަތުތައް، މާތްﷲ ހަރާމް ކުރައްވާފައިވާ ކަންތަކަށް އަރައިނުގަނެ ފާހަގަ ކުރުމަކީ މައްސަލައެއް ނޫންކަމަށެވެ.
އަދި، މެހެމާނުންނަށް ކަމޭހިތުމާއި، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކޮށްދިނުމަކީ އިސްލާމީ މަތިވެރި އުސޫލެއް ކަމަށް ރައީސް މައުމޫން މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާ އިރު، އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ ޓްވިޓަރ އެކައުންޓް ހެކް ކުރުމުގެ ކުރިން، އޭނާ ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވެފައި ވަނީ އައު އަހަރާ ދިމާކޮށް ބޭރުގެ ފަންނާނުން ރާއްޖެ ގެނެސްގެން ޝޯވ ބޭއްވުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި، މުސްލިމުންގެ ސަގާފަތަށް ގޮންޖަހައި ކަންތައް ކުރި މީހުންގެ މާޒީއިން އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށެވެ.
ޝަހީމް އިތުރަށް އޭރު ވިދާޅުވެފައި ވަނީ ޒުވާނުންނަށް ހެޔޮ އެދުމަކީ އިސްލާމް ދީނުގެ ރިވެތި ސަގާފަތާއި މަންހަޖުން އެ ޒުވާނުން ނެރެލުމެއް ނޫން ކަމަށެވެ.
އައު އަހަރު ފާހަގަ ކުރުމަށާއި ޓުއަރިސްޓް އެރައިވަލް ކައުންޓްޑައުން ކުރުމުގެ ގޮތުން މިރޭ ބާއްވާ ޝޯވގައި ބައިވެރިވުމަށް ކުރިން މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން ޕޯލް އަންނަން ހަމަޖެހިފައި އޮތަސް، އޭނާއަށް ރާއްޖޭގެ ބަޔަކު މަރުގެ އިންޒާރު ދިނުމާ އެކު އޭނާ އައުން ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް، މިރޭގެ ޝޯވގައި ބައިވެރިވުމަށް އިންޑިޔާގެ ބައެއް މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ސާލިމް އަދި ސުލައިމާން މާޗަންޓާއި ޖޮނީތާ ގާންދީ ފަދަ ތަރިން ވަނީ މިއަދު ރާއްޖެ އައިސްފައެވެ.
ހަރާމް ކަންތަކަށް އަރައިނުގަނެ އިޖްތިމާޢީ މުނާސަބާތައް ފާހަގަކުރުމަކީ މައްސަލައެއް ނޫން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ