ކޮންފަރަންސްގައި އެއްބަސްވާ ކަންކަން ތަންފީޒުކުރުން ލާޒިމް ކުރަން މައުމޫން ގޮވާލައްވައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، ޕެރިސް ކޮންފަރަންސްގައި އެއްބަސްވާ ކަންކަން ތަންފީޒު ކުރުމަށް، ގައުމުތަކުގެ ގާނޫނުތަކުން ލާޒިމް ކުރުމަށް ގާނޫނު ހަދާ ފަރާތްތަކަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ދަ އެނާރޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް (ޓެރީ) އިން އިންތިޒާމުކޮށްގެން އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ގެންދާ، 15 ވަނަ ދިއްލީ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓްގެ ތެރެއިން އިއްޔެ ބޭއްވި ހާއްސަ ސެޝަންގައި ޕެނަލިސްޓެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބައްދަލުވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި މި އަހަރު ބާއްވާ އދ. ގެ ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވާ ކަންކަމަކީ ރަނގަޅު އަދި މުހިންމު ކަން ކަމަށް ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެއްބަސްވެގެން ކަންކަން ކުރިއަށް ގެންދާ ކަން ޔަގީން ކުރުމުގެ ގޮތުން، އެ ކޮންފަރެންސްގައި ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް ގައުމުތަކުގެ ދައުރު ފުރިހަމައަށް އަދާކޮށްދިނުމަށް މައުމޫން އެދިވަޑައިގެންނެވިއެވެ.
މައުމޫން ވިދާޅުވީ، ކުރީގައި ވެސް އެގޮތަށް ފާސްކޮށްފައިވާ ކޮންވެންޝަންތަކާއި އެފަދަ ޖަލްސާތަކުގައި ނިންމާފައިވާ ނިންމުންތަކާއި ގައުމުތަކުން ވައުދުވެފައިވާ ކަންކަމަށް އަމަލު ކުރުމުގައި، އެކަށީގެންވާ މިންވަރެއްގައި ފުރިހަމައަށް އަމަލު ކޮށްފައިވާ ތަން ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.
އިއްޔެގެ ސެޝަންގައި ރައީސް މައުމޫން ފާހަގަކުރެއްވި ހާއްސަ ނުކުތާތަކުގެ ތެރޭގައި، ދުނިޔެ ހޫނުވުމުގެ މައްސަލަ އަކީ އިންތިހާ އަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަން ފާހަގަކޮށް، ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ މެދު ދުނިޔޭގެ ސަމާލުކަން ހޯދުމަށް އެންމެ ފުރަތަމަ އަޑު އުފުލި އެއް ގައުމަކީ ނުވަތަ ގައުމަކީ ދިވެހި ރާއްޖެ ކަމާއި އަދި އެއީ 1987 ވަނަ އަހަރުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.
އަދި 1989 ވަނަ އަހަރު ރާއްޖޭގައި ބާއްވާފައިވާ [ސްމޯލް ސްޓޭޓް ކޮންފަރެންސް އޮން ސީ ލެވެލް ރައިޒް] ކޮންފަރެންސް އަކީ މިފަދަ ގޮތަކަށް ދުނިޔޭގެ ފެންވަރުގައި ބޭއްވިގެން ދިޔަ ފުރަތަމަ ކޮންފަރެންސްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އައޯސިސް) ގެ ފައުންޑާއެއްގެ ގޮތުގައި، އެ ޖަމިއްޔާ ވުޖޫދަށް ގެނައުމުގައި ވެސް ރާއްޖެއިން މުހިންމު ދައުރެއް އަދާކުރި ކަމަށް މައުމޫން ވިދާޅުވި އެވެ. މީގެ އިތުރުން 1992 ވަނަ އަހަރުގެ ރިއޯ ކޮންފަރެންސާއި 1997 ވަނަ އަހަރުގެ ކިޔޯޓޯ ކޮންފަރެންސް އަދި 2002 ވަނަ އަހަރުގެ ރިއޯ ޕްލަސް 10 ކޮންފަރެންސްގައި ރާއްޖެއިން ވަރަށް ފުރިހަމައަށް ބައިވެރިވެ، މުހިންމު ދައުރެއް އަދާކޮށްފައިވާކަން ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ކުދި ޖަޒީރާ ގައުމުތަކަށް ކަމަށާއި އެފަދަ ގައުމުތަކަށް ހުރި ނުރައްކަލާއި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، 2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިސާގެ ހަނދާންތައް އާ ކުރައްވައި، އެންމެ ތިން ގަޑިއިރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖީޑީޕީގެ 60 އިން ސައްތަ ދޮވެވިގެން ގޮސްފައިވާ ކަމަށާއި އަދި އެފަދަ ކާރިސާތަކުން ސަލަމާތްވުމަށްޓަކައި ކަނޑުތޮށި އުސްކޮށް، ވަރުގަދަ ކުރުމާއި ރާޅު އެރުން ހުއްޓުވުމުގެ ގޮތުން ބިން އުސްކުރުން ފަދަ ކަންކަމަކީ ދިވެހި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ޚަރަދުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބެލި ނަމަވެސް ކުރެއްވޭނޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ