މައުމޫން އެހެން މީހުނަށްދޭ ބޮޑެތި ގެއްލުން ނުބެލޭގޮތަށް އޮތުމަކީ ގޯހެއް: ދިޔާނާ
ކުރީގެ ރައީސް މައުމޫން އެހެން މީހުނަށްދޭ ގެއްލުން ނުބެލޭގޮތަށް އޮތުމަކީ ގޯހެއް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދިން ގެއްލުންވެސް ފުލުހުން ބަލައިދޭން އެދޭ ކަމަށެވެ. ރައީސް މައުމޫން ޖާބިރުއަތުން ފައިސާނަގާ އަނބުރާ ނުދޭ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ފާހަގަކޮށް ދިޔާނާ ވިދާޅުވީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެކަމަށާއި، މައުމޫނަށް ލިބޭ ގެއްލުންބެލިފައި މައުމޫން އެހެން މީހުނަށްދޭ ގެއްލުން ނުބެލޭގޮތަށް އޮތުމަކީ ގޯހެއް ކަމަށެވެ. ފިރިކަލުން، ޖާބިރުގެ ދިފާއުގައި ދިޔާނާގެ ޓްވީޓެއް މިއައީ ރައީސް މައުމޫން ނެގި ފައިސާ އަނބުރާ ނުދޭ ކަމަށް ބުނެ ޖާބިރު ކިނބިގަސްދޮށުގެ ކައިރިއަށް އިއްޔެ ވަޑައިގެން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފެށުމާ ގުޅިގެނެވެ.މިދިއަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ މިހާތަނަށް ވެސް ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. އަދި އެ ފައިސާ އަނބުރާ ހޯއްދަވަން 2019 ވަނަ އަހަރުގެ ފަހުކޮޅު ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅުއްވައިފައި ވެއެވެ.ދިޔާނާ މީގެ ކުރިން ވިދާޅުވީ 29 މިލިއަން ރުފިޔާގެ މައްސަލަގައި ފުލުހަށް ހާޒިރުކޮށް ފުލުހުންގެ ތަހުގީގަށް އޭނާގެ ބަޔާނެއް ހޯއްދަވާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ބައެއް ހެކި ވެސް ފުލުހަށް ދެއްވާފައިވާނެ ކަމަށެވެ.ޖާބިރު ވިދާޅުވި ގޮތުގައި މައުމޫނަށް ދެއްވި ކަމަށް ބުނާ ފައިސާއާ ހަވާލުވެވަޑައިގަތީ މައުމޫންގެ ދަރިކަރުން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް އެވެ. ނަމަވެސް ޖާބިރު އަތުން ފައިސާ ނެންގެވި ކަމަށް ކުރާ ތުހުމަތު މައުމޫން ދޮގުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ