ސަރުކާރު ކުންފުނިތަކުން ދޫކޮށްފައިވާ ބިންތަކުގެ ކުލި މާފުކޮށްދޭން ހުށަހަޅައިފި

ދައުލަތުގެ ކުންފުނިތަކުން ފަރުދުންނާއި ވިޔަފާރިތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި އެ ކުންފުނިތަކުގެ ގާބިލުކަން ހުރި މިންވަރަކުން މައާފްކޮށްދިނުން ހިމެނޭ ގޮތަށް، ރައްޔިތުންނަށް ގިނަ ލުއިތަކެއް ދޭން ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ކުންފުނިތަކަށް ހުށަހަޅަން ނިންމައިފި އެވެ.
ކޮވިޑް-19 ފެތުރޭތީ ރާާއްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދު ހުއްޓުމުން ސަރުކާރުން ވަނީ މާލީ އެހީތެރިކަން ދިނުމުގެ ޕެޖޭކްތަކެއް ތައާރަފްކޮށްފަ އެވެ. ސަރުކާރުގެ އެހުށަހެޅުންތަކާ މެދު މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ ދިރާސާކުރަން ފޮނުވީ މަޖިލީހުގެ ކޮމިޓީތަކަށެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން އެކުލަވައިލި ރިޕޯޓް މިއަދު ވަނީ ފާސްކޮށްފަ އެވެ.
އެ ރިޕޯޓް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ ތެރެއިން 59 މެންބަރުން ގެ އަޣުލަބިއްޔަތުންނެވެ.
އާޒިމް ހުށަހެޅުއްވި މައްސަލައިގައި ކޮމިޓީތަކުން އެކުލަވައިލި ރިޕޯޓްތަކުގައިވާ ހުށަހެޅުންތައް އެކަމާ ބެހޭ އިދާރާއަކަށް މަޖިލީހުން ފޮނުވާނެ އެވެ. އެ ގޮތުން އެސްއޯއީ ކޮމިޓީގެ މިއަދު ނިންމުންތައް ފޮނުވާނީ ދައުލަތުގެ ކުންފުނިތަކަށެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވަނީ.
ކުންފުނިތަކުން ކުރަން ހުށަހަޅާފައިވާ ބައެއް މުހިއްމު ކަންތައްތައް
-އެޗްޑީސީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އަދި ދައުލަތުގެ އެހެން ކުންފުނިތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތައް ކުއްޔަށް ހިފައިގެން ތިބި ފަރުދުންނާއި ވިޔަފާރިތަކަށް ކުރިއަށް އޮތް ހަ މަސް ދުވަހު ލުއިގޮތެއް ހަމަަޖައްސައިދިނުން ނުވަތަ ކުލި މާފުކޮށްދިނުން
- ބީއެމްއެލް އިން ދޫކުރަން ނިންމާފައިވާ 308 މިލިޔަން ރުފިޔާގެ ލޯނު ސްކީމްތަކުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ފެސިލިޓީއެއް ހަމަޖައްސައިދިނުން
- ދައުލަތުގެ ކުންފުނިތަކަށް ބޭރުގެ ބޭންކްތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށް ދިނުމަށް ލަސްނުކޮށް އެދުން
- ދައުލަތުގެ ކުންފިނިތަކާއި ސިވިލް ސާވިސް މަގާމުތަކުގެ ތެރެއިން ބޮޑެތި މަގާމުތަކުގައި ތިބި ބިދޭސީންގެ ބަދަލުގައި އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރުމާއި ދިވެހިން އެ މަގާމުތަކަށް ތަމްރީނު ކުރުން
- ކަރަންޓާއި ފެނުގެ ހިދުމަތްތަކުގެ ބިލް ނުދެއްކުނަސް ހިދުމަތް ކަނޑައި ނުލުން
- ކުންފުނިތަކުގެ އިދާރީ އޮނިގަނޑަށް ބަދަލެއް ނުގެނައުމާއި އިތުރު ބޯނަހެއް ދޭން މި ވަގުތު ނުފެށުން
- މުވައްޒަފުން ވަޒީފާ އިން ވަކިކުރާ ފަރާތްތަކަށް ލޯނު ދޫ ނުކުރުން
- ރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރާ ފަރާތްތަކަށާއި ބޭސް އެތެރެކުރާ ފަރާތްތަކަށް ބޭނުންވާ ބޭރު ފައިސާ އެމްއެއެމްއޭ އިން، ބޭންކުތަކަށް ފޯރުކޮށްދޭ ބޭރު ފައިސާ އިން، އެ ފަރާތްތަކަށް ލިބޭނެކަން ކަށަަވަރުކޮށްދީ، އެމްއެމްއޭ އިން އެކަމަށް ފިޔަވަޅު އެޅުން.
އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ ހުށަހެޅުންތަކާ މެދު ކުންފުނިތަކުން އަމަލުކުރާ ގޮތް އެ ކޮމިޓީ އަށް އަންގަން ވެސް ޖެހޭނެ އެވެ. އެ ހުށަހެޅުންތަކަކީ ކުންފުނިތަކުގެ މާލީ ހާލަތު ވަރަށްް ރަނގަޅަށް ވަޒަންކުރުމަށް ފަހު ހުށަހަޅާފައިވާ ހުށަހެޅުން ތަކެކެވެ. އެގޮތުން ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތުގެ ބައެއް ތަފްސީލްތައް ރިޕޯޓްގައި ހިމަނާފައި ވެސް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ