އެކިއެކި ޚިދުމަތްތައް ބޭނުންވާ މީހުންނަށް ޚިދުމަތް ދިނުމަކީ ވަރަށް މުހިންމު އިންސާނީ މަސައްކަތެއް ކަމަށާއި، އިސްލާމްދީނަކީ ވެސް ހިދުމަތުގެ ދީނެއް ކަމަށް، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން (ޝީ) ގެ ފަރާތުން ރޭ ބޭއްވި [ވެލިއުޒް ކްލެރިފިކޭޝަން އެންޑް އެޓިޓިއުޑް ޓްރާންސްފޮރމޭޝަން ފޯރަމް] ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވިގޮތުގައި އިސްލާމްދީނަކީ ޚިދުމަތުގެ ދީނެއް ކަމަށް ވެފައިވަނީ، މާތް ﷲ އިސްލާމްދީން ބާވައިލައްވާފައިވަނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދޭނެ މަގު އިންސާނުންނަށް ދެއްކެވުމަށްޓަކައި ކަމަށްވާއިރު ދުނިޔެއާއި އާޚިރަތުގެ ދިންނެވުމާއި ބާއްޖަވެރިކަން ހޯދޭނެ މަގު ދެއްކުމަށްވުރެ ބޮޑު ޚިދުމަތެއް އިންސާނަކަށް ނުދެވޭނެތީ ކަމަށެވެ.
މިގޮތުން ބަލާއިރު، މި އުންމަތުގެ މާތް ނަބިއްޔާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މުޅި ތާރީޚުގައިވެސް އިންސާނުން ދެކެފައިވާ އެންމެ މާތް އަދި އެންމެ އަގުހުރި ޚިދުމަތްތެރި ސާހިބާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާ ދީނަށް ގޮވާލެއްވުމުގައި ގެންގުޅުއްވި މަތިވެރި އުޞޫލުތައް އެމަނިކުފާނު ބަޔާންކޮށްދެއްވިއެވެ.
ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުން ދަލީލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވިގޮތުގައި ޚިދުމަތް ލިބިގަތުމަށް އަންނަ އެންމެންނާ މެދުވެސް ޢަމަލުކުރަންޖެހޭނީ ހަމަހަމަކަމާއެކުގައެވެ. އަދި ޚިދުމަތް ލިބިގަންނަން އަންނަ މީހާގެ ކުލަޔަށް،
ނުވަތަ ނަސްލަށް، ނުވަތަ ޖިންސަށް، ނުވަތަ ކަންކަމުގައި ޢަމަލުކުރާގޮތަށް ބަލާކަށް ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިސާލަކަށް ޒަކާތް ޙައްޤުވާ ދަރަނިވެރިޔާވެސް ދަރަނިވެރިވެފައިވަނީ ކިހިނެއް ކަމަކަށް ބަލާކަށް ނުޖެހޭނެ. ހަމައެފަދައިން، އެކިއެކި ޞިއްޙީ ނުވަތަ އެނޫންވެސް ޚިދުމަތެއް ހޯދުމަށް އަންނަ މީހާގެ ޢަމަލުތައް ހުންނަ ގޮތުގެ މައްޗަކަށްވެސް
ބަލާކަށް ނުޖެހޭނެ" ރައީސް މައުމޫން ވިދާޅުވިއެވެ.
މިކަން މިހެން އޮތް ނަމަވެސް އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިނުވާ ކަމަކަށް ނުވަތަ ޤާނޫނާ ޚިލާފު ކަމަކަށް މަގުފަހިކޮށްދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވާހަކަފުޅަށްފަހު ފޯރަމްގެ ބައިވެރިންގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވިއެވެ. އެއަށްފަހު، މިފޯރަމްގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ތަޤްރީރު ކޮށްދެއްވިކަމަށްޓަކައި ރައީސް މައުމޫނަށް ޝީ ގެ ޗެއަރ ޕާރސަން ޢާޞިމް މުޙަންމަދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޚިދުމަތް ބޭނުންވާ މީހުންނަށް ޚިދުމަތް ދިނުމަކީ ވަރަށް މުހިންމު އިންސާނީ މަސައްކަތެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ