ކޮމަންވެލްތުން ރާއްޖޭގައި ހަމަނުޖެހުން އުފައްދާ ކަމަށް ވިދާޅުވީ ކޮމަންވެލްތުގެ މެންބަރު ކަމުން ވަކިވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ.
ޕީޕީއެމް އެމްޑީއޭ ކޯލިޝަނާއި ޖުމްހޫރީ ކޯލިޝަން ގުޅިގެން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖެއިން ޖަމާއަތެއްގައި ބައިވެރިވާން ޖެހޭނީ އެ ޖަމައާތަކުން އިހްތިރާމްކުރާނަމަ ކަމަށާއި ރާއްޖެއަކީ ވެސް ބައެއް ކަމުގައި ދެކެން ވާނެ ކަމަށެވެ.
"(ޖަމާއަތެއްގައި ބައިވެރިވާން ޖެހޭނީ) އަޅުގަނޑުމެންނަކީ މިނިވަން ގައުމެއްގެ ގޮތުގައި ދެކިގެން އެގޮތަށް އިހްތިރާމާއިއެކީގައި މުއާމަލާތްކުރަންޏާއި، އަދި އެފަރާތަކީ އެހީތަކާއި އެއްބާރުލުން ލިބޭ ކަމަށްވަންޏާއި، އެނޫން ގޮތަކަށް އަޅުގަނޑުމެން ރާއްޖެއިން ޖަމާއަތެއްގެ ތެރޭގައި ތިބުމުގެ އެއްވެސް މާނައެއް ނެތް." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އާއި ބައްދަލުކުރައްވާ ރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ވިދާޅުވި ކަމަށާއި އެކަމުގައި އިސް ދައުރެއް އަދާކުރެއްވުމުގެ ފުރުސަތު ލިބުނީ އެމަނިކުފާނު ކަމަށެވެ.
އެގޮތުން 1982 ވަނަ އަހަރު ރާއްޖެއިން ކޮމަންވެލްތުގެ ހާއްސަ މެންބަރަކަށްވި ކަމަށް ރައީސް މައުމޫން ފާހަގަކުރެއްވި އެވެ. އަދި 1985 ވަނަ އަހަރު ކޮމަންވެލްތުގެ ފުރިހަމަ މެންބރަކަށް ރާއްޖެވެގެންދިޔަ ކަމަށް ވެސް މައުމޫން ފާހަގަކުރެއްވި އެވެ.
އަދި އެކަން އޭރު ކުރަން ޖެހުނީ ކޮމަންވެލްތަކީ ވަރަށް ގިނަ ކުދި ގައުމުތައް އެކުލެވިގެންވާ ބައިނަލްއަގުވާމީ ޖަމާއަތަކަށްވެފައި އެޖަމައާތުގެ ތެރޭގައި ކުދި ގައުމުތަކަށް އެހީތައް ލިބެމުންދާތީ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ހާއްސަކޮށް ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގައި ކޮމަންވެލްތުން ގެންގުޅެމުންދާ ވަރަށް ހަރުދަނާ ސިޔާސަތުތަކަކަށްވާތީ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުވެސް ކޮމަންވެލްތުގެ ވަރަށް ގިނަ ޖަލްސާތަކަކަށް ދިޔައިން، އެ ޖަލްސާތަކުގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރުމުގެ ފުރުސަތު ވެސް ލިބުނު، ކޮމަންވެލްތުގެ ފަރާތުން އަޅުގަނޑުމެންނަށް ފަންނީ އެހީތައް ލިބެމުންދިޔަ، އެހެންވީމަ އަޅުގަނޑުމެން ކޮމަންވެލްތުގައި އުޅުމަކީ އޭރު ލިބުނު ވަރަށް ބޮޑު ފައިދާއެއް، އެކަމަށްޓަކައި އަޅުގަނޑު އިސް ނަގައިގެން ކޮމަންވެލްތުގައި ބައިވެރިވީ." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކޮމަންވެލްތުން ރާއްޖޭގެ އެތެރޭގެ ކަންކަން ވަކި ގޮތަކަށް ގެންދަން މަޖުބޫރުކޮށް، ވަކި ބޭފުޅަކު ރައީސް ކަމަށް ގެންނަން މަސައްކަތް ކުރާ ކަމަށާއި އެކަން ތަހައްމަލު ނުކުރެވޭނެ ކަމަށެވެ.
"މިއަދު ހާލަތު މުޅިން ބަދަލުވެއްޖެ. އަޅުގަނޑުމެންނަށް ކޮމަންވެލްތުން ލިބޭ މާ ބޮޑު ފައިދާއެއް ނެތޭ. ކޮމަންވެލްތުން އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހެނީއޭ. އަޅުގަނޑުމެންގެ ސިޔާސަތުތަކާ ކުޅެނީއޭ. އެކި ފަރާތްތަކަށް އެހީތައް ދީގެން ރާއްޖޭގައި ހަމަނުޖެހުން ހިންގަނީއޭ. މިއަދު އަޅުގަނޑު އެދެމޭ ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވާން،" ރައީސް ވަހީދާ ދެއްކެވި ހިއްސާކުރައްވަމުން މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެސް ކޮމަންވެލްތުން ވަކިވުމަށްޓަކައި ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ބޭރުގެ ބައެއް ފަރާތްތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެބަ ބައްދަލުކުރައްވާ ކަމަށާއި އެގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ވެސް ބައްދަލުކުރައްވާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް މިއީ އެއްވެސް ގައުމެއްގައި ހިނގާ ކަންތައްތަކެއް ނޫން ކަމަށާއި ބޭރުގެ ސަފީރުން ވަޑައިގެން ދައްކާނެ ސިޔާސީ ވާހަކައެއް ނޯންނާނެ ކަމަށެވެ.
ކޮމަންވެލްތުން ރާއްޖޭގައި ހަމަނުޖެހުން އުފައްދާ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ