ހާމިދު ބަނގުރާ ބުއި ކަމަށް އިންކާރުކޮށް ވަކީލަކު ހަމަޖެއްސުމަށް ކޯޓުން ފުރުސަތު ދީފި

ބަނގުރާ ބޭނުންކުރުމުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހދ. ހޮނޑައިދޫން ހައްޔަރުކުރި މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަށް އޭނާ އިންކާރުކޮށް ވަކީލަކު އައްޔަންކުރުމަށް އެދުމުން ކޯޓުން އެ ފުރުސަތު ދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ހާމިދުގެ އަތުން ބަނގުރާ ފެނިފައި ވަނީ ހދ. ހޮނޑައިދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށް ގޮސް ފުލުހުން އެރަށު ތެރެ ބަލައި ފާސްކުރަމުން ދަނިކޮށް ކަމަށެވެ.
ނަމަވެސް ދައުވާއަށް އިންކާރުކޮށް ހާމިދު ވިދާޅުވީ ހޮނޑައިދޫގައި އެއްވެސް ބާވަތެއްގެ މަސްތުވާއެއްޗެއް އޭނާ ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އަދި ދައުވާއަކީ ފުލުހުން އުފައްދާފައިވާ މައްސަލައެއް ތަހްގީގު ކުރުމަށްފަހު ޕީޖީ މެދުވެރިކޮށް ކުރާ ދޮގު ދައުވާ އެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށާއި ދައުވާއަށް ޖަވާބުދާރީވާނީ ވެސް ވަކީލަކާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
ހާމިދު އެހެން ވިދާޅުވުމުން ގާޒީ މުހްތާޒު މުހުސިން ވަނީ އެ ފުރުސަތު ހާމިދަށް ދެއްވައިފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ވަކީލާއެކު ދައުވާއަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ގާޒި ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދުގެ ހާމިދުގެ އިތުރުން ޖާބިރާއި، ޖާދުﷲ ޖަމީލްގެ އަޑުއެހުންވެސް ތާވަލް ކުރިއެވެ. ނަމަވެސް މިއަދުގެ އަޑުއެހުމަށް ޖާބިރާއި، ޖާދުﷲ ހާޒިރުވެފައެއް ނުވެއެވެ.
ގާޒީ އިތުރަށް ވިދާޅުވީ ދައުވާލިބޭ އަނެއް ދެ ބޭފުޅުން ކޯޓަށް ހާޒިރުވެ ވަޑައިނުގަތީ ކީއްވެގެންތޯ ބައްލަވާނެ ކަމަށާއި ހާޒިރުނުވީ މަގުބޫލު އުޒުރެއް ނެތި ކަމަށްވާ ނަމަ އެ ދެ ބޭފުޅުން ބަންދުކޮށްގެން ވެސް ކޯޓަށް ހާޒިރު ކުރައްވާނެ ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހުގެ އިތުރުން މި މަހުގެ 12 ވަނަ ދުވަހާއި 26 ވަނަ ދުވަހުގެ އިތުރުން 31 ވަނަ ދުވަހަށް ގާޒީ ވަނީ އެ މައްސަލަ ތާވަލް ކުރައްވާފަ އެވެ.
ގާޒީ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު އެބޭފުޅުން ދައުވާ އަށް ޖަވާބުދާރީ ވެވަޑައިގެންފި ނަމަ 12 ވަނަ ދުވަހު އޮންނާނީ ހެކި ހުށަހެޅުން ކަމަށެވެ. އަދި އެއަށް ފަހު 26 ވަނަ ދުވަހު ހެކިބަސް ނެގުމަށް ފަހު 31 ވަނަ ދުވަހު އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިންމާލައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ހާމިދާއި ޖާބިރުގެ އިތުރުން ޖާދުﷲ ގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ އެތިން މީހުންނާއި އިތުރު ބަޔަކާއިއެކު 16 ނޮވެމްބަރު 2012 ވަނަ ދުވަހުގެ ފަތިހު 04:30 އެހާއިރު ހޮނޑައިދޫގައި ބަނގުރާ ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެރަށަށްގޮސް އެރަށް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެއޮޕަރޭޝަނުގެ ތެރޭގައި ހޮޑައިދޫ އުތުރު ފަރާތުގައި ބާ އެއްގޮތަށް ހަދާފައިވާ ހަޓެއް ކައިރިން މި ތިން މީހުން ފެނުނު އިރު މި ތިން މީހުންގެ ތެރެއިން އަބްދުﷲ ޖާބިރުގެ އަތުގައި ބަނގުރާކަމަށް ޝައްކު ކުރެވޭ ދިޔާއެއްޗެއް ހުރި ބިއްލޫރި ތަށްޓަކާއި ހާމިދު އަބުދުލް ޣަފޫރުގެ އަތުގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާއެއްޗެއް އަޅާފައިހުރި ޖޯޑެއް ފެނިފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ.
މީގެއިތުރުން މިމީހުން ތިބި ދިމާލުގައި ހުރި ގޮނޑިއެއްގެ މަތިން ފެނުނު ބިއްލޫރި ތައްޓާއި، އެދިމާގައި ހުރި މޭޒެއްގެ މަތިން ފެނުނު ދެ ބިއްލޫރި ތައްޓާއި، މި ތިން މީހުން ތިބި ދިމާގައިހުރި ހަޓްގެ ކައުންޓަރު މަތިން ފެނުނު (ބޯގޯ ސެންލިއޯ) ބްރޭންޑްގެ ފުޅިއާއި، (ހެނެއްސީ) ބްރޭންޑްގެ ފުޅިއާއި ތިން ބިއްލޫރި ތަށީގައި ހުރި ދިޔާ ތަކެތި ބަނގުރަލަށް ޕޮޒިޓިވް ވެފައިވާކަމަށް އެތަކެތީގެ ތަހުލީލް ރިޕޯޓުން ދައްކާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
ޖާބިރުއާ، ހާމިދު އަދި ޖާދުﷲގެ މައްޗަށް ދައުވާކުރަނީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރާއި ހަވާލާދީ އެގާނޫނުގެ 13 ވަނަ މާއްދާގެ (ޅ) ގެ މިތިން މީހުން ގާނޫނާ ހިލާފަށް ދިވެހި ރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ ކަމަށެވެ. މިއަދުގެ އަޑު އެހުމުގައި ހަމައެކަނި އިއްވި ދައުވާއަކީ ވެސް މިއީ އެވެ.
ހޮނޑައިދޫ ބަނދުރާގެ މައްސަލާގައި ދައުލަތުން އެ ތިން ފަރާތުގެ އިތުރުން އެހެން ފަރާތްތަކެއްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. މިމައްސަލާގައި ޖާބިރާއި ހާމިދު އަދި ޖާދުﷲގެ އިތުރުން ދައުވާކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވާފައިވަނީ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރާއި ޒުހައިރުގެ އަނބިކަނބަލުން މަރިޔަމް ފާއިޒާއި ރައީސް ނަޝީދުގެ ސްޕްޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ދަރިކަލުން މުޙައްމަދު ހަމްދާން ޒަކީގެ މައްޗަށެވެ.
މި މައްސަލައިގައިހައްޔަރުކުރި އިބްރާހިމް ހުސެއިން ޒަކީގެ މައްސަލަ ޕީޖީއަށް އަދި ނުފޮނުވަ އެވެ. ނަމަވެސް ދާދި ފަހުން ޒަކީ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އޭނާގެ މައްސަލަ ޕީޖީއަށް ފުލުހުން ފޮނުވާފައިނުވަނީ އޭނާ ރާއްޖޭން ބޭރުގައި އުޅުއްވުމުގެ ސަބަބުންނެވެ. ނަމަވެސް ޒަކީ މިހާރު ވަނީ މާލެ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ