ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާގޮތަށް، ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓާ ޖެނެރަލްއެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ދަންނަވައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ 7 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ހައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުންލިބޭ ގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ
ޕިޖީ އޮފީހުން ބުނެފައިވަނީ އެ ކަންކަމަކީ އޭސީސީއަށް ތަހުޤީޤުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަހުޤީޤެއް ހިންގުމަށް އޭސީސީގައި 17 ޑިސެންބަރު 2024 ގައި ދަންނަވާފައިވާނެ ކަމަށެވެ.
މީގެއިތުރުން މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން މަޝްވަރާކުރަމުން ގެންދިއުމަށް ދަންނަވާފައިވާނެ ކަމަށްވެސް ޕީޖީން ބުނެފައިވެ އެވެ.
ބަދަލުދިން މައްސަލައިގައި މާލިއްޔަތު ކޮމިޓީން އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށެވެ.
މިފަހުން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ ކުރީ ސަރުކާރުން ބަދަލު ދިނުމަށް ހަދާފައިވާ 9 އެއްބަސްވުމެއްވެސް ބާތިލު ކޮށްފަ އެވެ.
ކުރީ ސަރުކާރުން ބަދަލުދިން މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ