ތިމާގެ އުފަލަށް ކުރާ އަމިއްލަކަމެއް ކަމަށް ޤަބޫލުކޮށްގެން ކުރާކަންކަންވެސް ޘަވާބު ލިބޭނެ މަގުން ކުރަމާ ހިނގާށެވެ!

މުސްލިމުން ކުރަންޖެހޭނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަންކަމެވެ. އެއިން ކޮންމެ ކަމެއް ކުރިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބުލިބޭނެ މަގުން ކުރުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ މީސްތަކުންނަށް ދެއްވަވައިފައެވެ. އެއީވެސް އެކަލާނގެ ދީލަތިވަންތަކަމުގެ ބޮޑުކަމެވެ. 
ހަމަ އެފަދައިން ކިތަންމެ ބޮޑު ހެޔޮކަމެއް ކުރިނަމަވެސް ހިތަށް އެކަން ގެނެވޭ ގޮތަކުން އެޢަމަލު ގެއްލެނިވެގެން އެބަދެއެވެ. އަދި ފާވެރިވެސް އެބަވެއެވެ. ވީމާ މިކަންކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ސާފުށް އެނގެން އެބަ ޖެހެއެވެ. 
ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ! 
އަޅުގަނޑުމެންނަކީ ﷲ ތަޢާލާއަށް އީމާން ވެގެން ތިބި މުސްލިމުންނެވެ. ދުނިޔޭގެ ޙަޔާތަކީ ވަގުތީ ޙަޔާތެއް ކަމާއި ދާއިމީ ޙަޔާތަކީ އާޚިރަތުގެ ޙަޔާތް ކަމުގައި އަޅުގަނޑުމެން ހިތުގެ އަޑިން ޤަބޫލުކުރަމެވެ. ވީއިރު އަޅުގަނޑުމެންގެ މި ވަގުތީ ޙަޔާތުގެ މަޤްޞަދަކަށް ވާންވާނީ އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމެވެ. ހެޔޮކަމުގެ މީޒާން ބަރުކުރުމަށްޓަކައި އަޅުކަމުގައި މަޝްޣޫލުވެ އަދި ކުރާ އަޅުކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ އަޅުމަކަށް ހެދޭތޯ މަސައްކަތްކުރަންޖެހެއެވެ. 
މިގޮތުން އަޅުކަމެއްގައި ފުރިހަމަ ވާންޖެހޭ އެންމެ މުހިއްމު ޝަރުތަކީ އެއަޅުކަމަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިކަމާއެކު ކުރެވޭ އަޅުކަމެއްކަމުގައިވުމެވެ. އިޚްލާޞްތެރިކަން ނަފީކުރާކަންކަމުގެ ތެރޭގައި އައްރިޔާއު ނުވަތަ ދެއްކުންތެރިކަންހިމެނެވެ. 
“އައްރިޔާއު: (ނުވަތަ ދެއްކުންތެރިކަމަކީ) މީހުންނަށް ދެއްކުމުގެ ގޮތުން ނުވަތަ މީހުންގެ ފަރާތުން ތައުރީފުގެ ބަސްތައް ލިބިގަތުމުގެ ގޮތުން ތަފާތު ވައްތަރުގެ އަޅުކަންތައް އަދާކުރުމެވެ. މިފާފައިގެ ސަބަބުން ހެޔޮކަންތައްތައް ކުރުމުން ލިބޭ ފައިދާތައް ނެތިކޮށްލައެވެ. އަދި މިކަން ކުރާމީހާއަށް ނުރައްކާތެރި އަޛާބު ވެއެވެ. މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. ސަބަބަކީ ތިމާގެ އަޚާގެ ފަރާތުން ތައުރީފުގެ ބަސްތައް ލިބުމަށް އެދުންވެރިވުމަކީ އިންސާނީ ފިޠުރަތުގައި ލައްވާފައިވާކަމަކަށްވީކަމެވެ. ދީނުގެ ކަންކަމުގައި މީހުންގެ ރުހުމާއި ތައުރީފު ހޯދަން އުޅުމަކީ ވަރަށް ނުބައި ކަމެކެވެ. އެހެންކަމުން މިކަމަށް ވަރަށް ބޮޑަށް ރައްކާތެރިވާންޖެހެއެވެ. މި ނުރައްކަލަށް ސަމާލުވުމަކީ މުއުމިނުންނަށް ވަރަށް މުހިއްމު ކަމެކެވެ. އެއީ މުއުމިނުންގެ މަޤްސަދަކީ އެބައިމީހުންގެ ދިރިއުޅުމުގައި ކުރާކޮންމެކަމެއް އެއީ ދީނުގެ ކަމެއްކަމުގައި ދެކިގެން ﷲ ތަޢާލާއަށް އެކަންކަން ޙާލިޞް ކުރުން ކަމަށްވާތީއެވެ. 
ބޮޑު ޝިރުކުގެ އަނދަވަޅުތައް ވަރަށް ރަނގަޅަށް ހާމަވެ އެނގެން އޮތުމުން ޢިލްމުވެރި ޙަޤީޤީ މުއުމިނަކު އެފަދަ ޢަމަލެއް ކުރުން އެއީ ވަރަށް ނާދިރުކަމެކެވެ. ނަމަވެސް އެހެން މީހުންނެކޭ އެއްފަދައިން، ޙަޤީޤީ މުއުމިނަކަށްވެސް ދެއްކުންތެރިކަމުގެ ޢަމަލެއް ކުރެވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ސަބަބަކީ އެކަމަކީ ވަރަށް ބޮޑަށް ފޮރުވިގެންވާ ކަމަކަށް ވާތީއެވެ. އޭގައި އެކުލެވިގެންވަނީ މީހާގެ ނިޔަތް ބަދަލުވުންފަދަ ވަރަށް އާދައިގެ ކަމެކެވެ. މިކަމަށް ހިތްވަރުދޭ ބާރުތައްވެސް ވަރަށް ގަދައެވެ. އެއީ އެކަންކަން އިންސާނާގެ ނަފްސުގެ އެންމެ ފުންމިނުން ނުކުންނާތީއެވެ. އިބްނު ޢައްބާސް رضي الله عنه މި ޙަޤީޤަތަށް އަލިއަޅުވާލަމުން ވިދާޅުވިއެވެ: 
"ކަޅުފޮއެ ރެއެއްގައި، ކަޅު ހިލަގަނޑެއްގެ މަތީގައި، ކަޅު ހިންޏެއް ހިރޭ ހިރުމަށްވުރެންވެސް ބޮޑަށް ޝިރުކު ވަންހަނާވެގެންވެއެވެ." 
އެހެންކަމުން ހެޔޮކަމެއްފެށޭއިރާއި އަދި ކުރެވެމުންދާއިރު ތިމާގެ ނިޔަތް ޙާލިޞްކުރަން ވަރަށް ޙާއްޞަ އަހަންމިއްޔަތުކަމެއް ދޭންޖެހެއެވެ. މިކަމަށް ބާރުދިނުމުގެ ގޮތުން ކޮންމެ މުޙިއްމުކަމެއް ފަށާއިރު ﷲ ތަޢާލާގެ އިސްމުފުޅުން ފެށުމަށް އިސްލާމްދީން އިރުޝާދުދެއެވެ. އާދަވެގެން ކުރާ ކަންތައްތައް ކަމުގައިވާ ކެއިންބުއިން، ނިދުން، އަނބިފިރިކަމުގެ ގުޅުން ހިންގުން އަދި މީގެ އިތުރުން ފާހާނާއަށް ވަދެ ނުކުމެއުޅުމުގައި ކިޔުމަށް ޙާއްޞަ ދުޢާތަކެއް ނަބިއްޔާ صلى الله عليه وسلم ވަނީ އުނގަންނައިދެއްވާފައެވެ. އެއީ މިފަދަ އާދަތައް ވެސް އަޅުކަމުގެ ގޮތުގައިދެކި، ﷲ ތަޢާލާ ދެނެގަތުމުގެ ޝައުޤުވެރިކަން މުސްލިމުންގެ ހިތްތަކުގައި އުފެއްދުމުގެގޮތުންނެވެ. "ތަޤްވާ" އޭ ކިޔެނީ މި ދެނެންނެވި ފަދައިން ﷲ ތަޢާލާ ދެނެގަތުމަށެވެ. އެއީ ފުރިހަމަ ގޮތުގައި ނިޔަތް ޚާލިޞްކުރުމަށްޓަކައެވެ. 
ކޮންމެ ވަގުތެއްގައި ވެސް ކިޔޭނެ ޙާއްޞަ ދުޢާތަކެއްގެ ޒަރިއްޔާއިން، ދުރުވާން އުނދަގޫ ޝިރުކުގެ ޢަމަލުތަކުން ދުރުވެވޭނެ ގޮތްވެސް ނަބިއްޔާ صلى الله عليه وسلم ވަނީ އުނގަންނައިދެއްވާފައެވެ. އަބޫ މޫސާ رضي الله عنه ވިދާޅުވިއެވެ: 
"އެއްދުވަހަކު ﷲ ގެ ރަސޫލާ صلى الله عليه وسلم ޚުޠުބާއެއް ދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ‘އޭ މީސްތަކުންނޭވެ. ޝިރުކަށް ބިރުވެތިވާށެވެ. އެހެނީ ކަޅުފޮއެ ރެއެއްގައި، ކަޅު ހިލަގަނޑެއްގެ މަތީގައި، ކަޅު ހިންޏެއް ހިރޭ ހިރުމަށްވުރެންވެސް ބޮޑަށް ޝިރުކު ވަނީ ވަންހަނާވެގެންނެވެ.’ އެކަމަށް ﷲ ތަޢާލާ އިރާދަކުރެއްވި ބަޔަކު އެއްސެވިއެވެ. ‘އޭ ﷲ ގެ ރަސޫލާއެވެ. ހިންޏެއް ހިރޭ ހިރުމަށްވުރެންވެސް ބޮޑަށް އެކަން ވަންހަނާވެގެންވާއިރު އަޅުގަނޑުމެން އެކަމުން ސަލާމަތްވާނީ ކިހިނަކުންތޯއެވެ؟’ އެކަލޭގެފާނު ޖަވާބު ދެއްވެވިއެވެ. "މިފަދައިން ކިޔާށެވެ:
اللّهُمَّ إِنَّا نَعُوذُ بِكَ أَنْ نُشْرِكَ شَيْئًا نَعْلَمُهُ وَنَسْتَغْفِرُكَ لِمَا لاَ نَعْلَمُهُ " 
މާނައީ: "އޭ ﷲ، އެނގިތިބެ އިބަރަސްކަލާނގެއަށް  ޝިރުކު ކުރުމުން އަޅަމެން ރައްކާތެރި ކުރައްވާންދޭވެ. އަދި އަޅަމެނަށް އެނގުމެއްނުވާ ކަންކަމުން އިބަރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދެމެމެވެ."1
­­­­­­­­­­­­­________________________________________
[1] އިންޓަނެޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕްކޮށްފައިވާ (ދަ ފަންޑްމެންޓަލްސް އޮފް ތައުހީދު- ބިލާލް ފިލިޕްސް) އެފޮތުން ނަގާފައި
 
--އަލްއުޚުތު އުންމި ޢަބްދިﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ