ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު ފުރިހަމަކުރި 352 ބައިވެރިން ނޭޝަނަލް ސާވިސް ޓްރެއިނިންއަށް ފުރާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ވަތަނީ ހިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލި 1،785 ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ވަނީ ވަތަނީ ހިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް ޓްރެއިނިންގެ ތިން ވަނަ ބެޗުގެ ތަމްރީނަށް ފުރާފައިވާ ކަމަށެވެ.
އެ ބެޗުގައި ރާއްޖޭގެ 20 އަތޮޅަކުން، 115 ރަށަކަށް ނިސްބަތްވާ 64 އަންހެން އަދި 288 ފިރިހެން ކުދިން ބައިވެރިވެ އެވެ.
އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގަ އެވެ.
ރައީސް ވިދާޅުވީ ތިން މަސް ދުވަހަށް ކުރިއަށް ގެންދާ އެ ތަމްރީނުގައި ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި ދީނީ ތަރުބިއްޔަތާއި އަހުލާގާއި ސުލޫކުގެ އިތުރުން ލީޑަޝިޕާއި ހަށިހެޔޮކަމާއި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން ޒުވާނުންނަށް ތަމްރީނުކުރާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ އަދި ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ހިންގާ އެ ޕްރޮގްރާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.
ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން އެ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ ޒުވާނުން އެ ތަމްރީނަށް ވަނީ ބ. ކިހާދޫއަށް މިމަހުގެ ތިން ވަނަ ދުވަހު ފުރައިފަ އެވެ.
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައި އޮންނަ ތަމްރީނުތަކުގައި ބައިވެރިވާން ގޮސްފައި ވަނީ 17 އަތޮޅެއްގެ 50 ރަށަކުން ތަމްރީނުގައި ބައިވެރިވާ 77 ކުއްޖެކެވެ. އެއީ އުމުރުން 16 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
ވަތަނީ ހިދުމަތް ފުރިހަމަކުރި 352 ކުދިން ނޭޝަނަލް ސާވިސް ޓްރެއިނިންއަށް ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ