ކޯޓުން އަމުރު ކުރުމުން ވެސް ސިޔާސީ ހައްޔަރީން ބަންދުގައި ބަހައްޓާ މައްސަލައެއް ފެންމަތިކޮށްފި

މި ސަރުކާރުން ބަންދު ކުރާ ބައެއް ސިޔާސީ ހައްޔަރީން ދޫކޮށްލަން ކޯޓުން އަމުރު ކުރުމުން ވެސް ފުލުހުންގެ ބަންދުގައި ގިނަ ވަގުތުތަކެއް ބަހައްޓާ މައްސަލައެއް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޝަމްއޫން ޖަލީލް (ލޫކަސް) ގެ ގާނޫނީ ވަކީލު އިމްތިޔާޒް ފަހުމީ (އިންތި) ފެންމަތިކޮށްފި އެވެ. 
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، މުޒާހަރާގެ ތެރެއިން ލޫކަސްއާއެކު ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ވެސް ފުލުހުންގެ ބަންދުގައި އެމީހުން ގިނަ އިރުތަކެއް ބަހައްޓާފައިފާ ކަމަށެވެ. 
"އެންމެފަހުން ވެސް ލޫކަސް މެން ހައްޔަރު ކުރިއިރު، ހައްޔަރު ކުރި ބައެއް ފަރާތްތައް ދޫކޮށްލަން އަމުރު ކުރީ އެ ދުވަހު މެންދުރު ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި. ދޫކޮށްލީމާ އެބޭފުޅުން މިނިވަންވެގެން ނުކުމެވެނީ މެންދަމު 1:00 ޖެހި ފަހުން. ބައެއް އަންހެން ބޭފުޅުން ވެސް މީގެ ތެރޭގައި އެބަ ހިމެނޭ،" އިންތި ވިދާޅުވި އެވެ. 
ކޯޓުގެ އަމުރަކާ ނުލައި އެގޮތަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވެސް އިންތި ފާހަގަ ކުރެއްވި އެވެ. އަދި އެގޮތަށް ފުލުހުން އަމަލު ކުރާ މައްސަލަ އޭނާ ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ. 
"މިއީ ސީދާ ޣައިރު ގާނޫނީ ކަންތައްތައް. ސީދާ ގާނޫނުއަސާސީއާ ހިލާފު ކަމެއް. މީހަކު ހައްޔަރެއްގައި ނުބެހެއްޓޭނެ ކަމަށް ނިންމާ ވަގުތުން ފެށިގެން އެމީހަކީ މިނިވަނެއް. އެމީހާ ނުކުންނަން ޖެހޭނީ ކޯޓުގެ ތެރެއިން ވެސް މިނިވަނެއްގެ ގޮތަށް. އެމީހާ ފުލުސް އޮފީހަށް އެމީހާގެ ތަކެތި ހަވާލުވުމަށް ދިޔުމަށްފަހުގައި ވެސް އެމީހާއަށް ވަގުތުން އެތަނުން ނުކުމެވެން ޖެހޭނެ. އެތަނުގައި ސުން ސިކުންތު ވެސް ނުބެހެއްޓޭނެ،" އޭނާ ވިދާޅުވި އެވެ. 
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ލޫކަސް ބުނީ، ކޯޓުން އަމުރު ކުރުމުން ވެސް ސިޔާސީ ހައްޔަރީން ދޫނުކޮށް ބައިތިއްބީ އެ ރޭ ވެރި ރަށް މާލޭގައި މުޒާހަރާ ކުރާތީ ކަމަށް ބެލެވޭ ކަމަށެވެ. 
"މެންދުރުއްސުރެ ކޯޓު ހިއަރިންތައް ގޮސްފައި އެންމެން ދޫކޮށްފައި އޮތީ [ކޯޓުން]. ދެން އެހެން ނަމަވެސް ފުލުހުން އެރޭ، އަޅުގަނޑު ހީވަނީ މާލެ ތެރޭގައި މުޒާހަރާ ހިނގާތީހެން، ދޫކޮށްލަން ގާޒީ އެންގީމާ ވެސް ދޫނުކޮށް އަތޮޅުވެހީގެ ކުޑަ ގޮޅިގަނޑުގެ ތެރޭގައި އެމީހުން ތާށިކޮށްގެން ބޭތިއްބި އެ ރޭ [ދަންވަރު] 1:00 ޖަހަންދެން،" ލޫކަސް ބުންޏެވެ. 
މި ސަރުކާރުން ސިޔާސީ ގޮތުން މީހުން މީހުން ހައްޔަރު ކުރަމުންދާއިރު، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ. 
"ރާއްޖޭގައި މީގެ ކުރިން މުޅިން ވެސް އޮތީ ސިޔާސީ ގޮތުން ބަދަލު ހިފުން. ސިޔާސީ މީހުން ޖަލަށްލުން. ސިޔާސީ ގޮތުން ހަމަ ވިޝަސް ނެވާ އެންޑިން ސައިކަލްއެއްގެ ތެރޭގައި އުޅެންޖެހިފައި ރައްޔިތުން. އަޅުގަނޑު ވައުދުވީ އެކަން ނިންމަން. އިރާދަކުރެއްވީތީ ރާއްޖޭގައި ނުހުންނާނެ ސިޔާސީ ގޮތުން ޖަލަށްލާފައި ހުރި މީހެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ