މެރިޓަމް ދާއިރާގެ ތައުލީމާއި ތަމްރީނު ދިނުމަށް، މެލޭޝިއާގެ މެރިޓައިމް އެކެޑެމީ ދެމެދު އެއްބަސްވުމެއް!

މޯލްޑިވްސް ސްޓޭޓް ޝިޕިންގް އަދި މެލޭޝިއާގެ މެރިޓައިމް އެކެޑެމީ ދެމެދު ގުޅުން ވަރުގަދަ ކުރުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މެލޭޝިއާގެ މެރިޓައިމް އެކެޑެމީ ދެމެދު ގުޅުން ބަދަހިކުރުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ އަހުމަދު ޝަރީފެވެ. އަދި މެލޭޝިއާގެ އެކެޑެމީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ އެޑީ އަހުމަދެވެ.
މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ އެކެޑެމީގެ އަލަމް ކެމްޕަސްގައެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގައި މި ދާއިރާގެ ތައުލީމީ މަސައްކަތްތައް ހަރުދަނާކޮށް ތަމްރީނު ދިނުމުގެ މަސައްކަތްތައް ކުރިއެރުވުމެވެ. އަދި މި މަސައްކަތް ކުރިޔަށް ދާނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ކަލާސީން ސްކޮލަޝިޕް ލިބޭ ކެނޑިޑޭޓުންނަށް ބޭނުންވާ ތައުލީމީ ފްރޭމްވޯކް ބިނާކުރުމުގެ މަސައްކަތްތައް މެދުވެރިކޮށެވެ.
ސްޓޭޓް ޝިޕިންގެ ފަރާތުން ދިން މައުލޫމާތުގައި ބުނެފައި ވަނީ އަލަމްގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތުގެ ސަބަބުން އެމްއެސްއެސްގައި މަސައްކަތްކުރާނެ ގާބިލު މެރިޓައިމް ގްރެޖުއޭޓުން އުފެއްދުމަށް ފަހިވެގެންދާނެއެވެ.
ކަލާސީންގެ ނަމުގައި ކުރިއަށް ގެންދާ މަސައްކަތްތަކަކީ 2021 ވަނަ އަހަރު ފެށިފައިވާ މަސައްކަތްތަކެކެވެ. މިއީ ރާއްޖޭގައި ކަނޑު ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ އައު ޖީލެއް އުފެއްދުމާއި އިންޖިނިއަރިންގް ދާއިރާގެ މަސައްކަތްތެރިން އުފެއްދުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކެކެވެ. މި ކަމުގެ ސަބަބުން އެމްއެސްއެސް އަދި ރާއްޖޭގެ ދާއިރާ ކުރިއެރުވުމުގައި މަސައްކަތްކުރާނެ މުއައްޒަފުން އުފެއްދިގެންދާނެކަމަށް ކުންފުނިން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ